މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓު އިންފޮމޭޝަން އެންޑް އާރޓްސްގައި ސިޔާސީ މުވައްޒަފުން ގިނަވެ މަސައްކަތްކުރަން އިށީންނާނެ ގޮނޑިއެއް އަދި މަސައްކަތް ކުރާނެ އާލާތްވެސް ނެތި އުޅެން ޖެހޭތީ މުވައްޒަފުން ރުޅިގަދަވެ ސަރުކާރާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
އެގޮތުން އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނާ އެކު އެކުލަވާލާފައިވާ ވަޓްސް އަޕް ގްރޫޕުގެ ސްކްރީން ޝޮޓުތަކެއް ވަނީ މީސް މީޑިޔާގައި ލީކުކޮށްލާފައެވެ. އެ ސްކްރީން ޝޮޓުތަކުން ހާމަވާ ގޮތުގައި އެ މިނިސްޓްރީގައި އެކަނި 78 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ. އެ މުވައްޒަފުންނަށް ލިބެން ޖެހޭ އަސާސީ ހައްގުތަކުން ވެސް ވަނީ މަހްރޫމުކޮށްލާފައިކަން އެ ސްކްރީން ޝޮޓުތަކުން ހާމަވެއެވެ.
އެގޮތުން ކުޑަމިނުން ފާހާނާއަށް ދެވޭނެ އިންތިޒާމްވެސް މަސައްކަތް ކުރާ މާހައުލުގައި ބައެއް މުވައްޒަފުންނަށް ހަމަޖެހިފައި ނެތް ކަމަށް ވަނީ އެނގިފައެވެ. އެ މުވައްޒަފުން ފާހާނާއަށް ދާންވުމުން ދާން ޖެހެނީ ގެއަށް ކަަންވެސް ހާމަވެފައިވެއެވެ.
އެންސީއޭގެ މުވައްޒަފުން އުޅެން ޖެހިފައި ވަނީ ވަރަށް ދަތި ހާލަތުގައި ކަމަށް ވަނީ އެނގިފައެވެ. ހަ މަސް ދުވަސް ވެގެން ދިޔައިރު ވެސް އިށީންނާނެ ގޮނޑި އެއް ނެތި ބައެއް މުވައްޒަފުން ތިބި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ބައެއް މުވައްޒަފުންނަށް މަސައްކަތް ކުރާނެ ސިސްޓަމެއް ވެސް ދީފައެއް ނުވެއެވެ. ސިސްޓަމްތައް ލިބުނު މުވައްޒަފުންނަށް ވެސް ސޮފްޓްވެއަރތައް އަޕްޑޭޓް ނުކޮށް ހުރުމުގެ ސަބަބުން ވަނީ މަސައްކަތް ކުރެވޭ ގޮތް ނުވެފައެވެ. އަދި އޮފީހަށް އަމިއްލަ ލެޕްޓޮޕާއި ޓެބްލެޓް ގެނައި ނަމަވެސް އިންޓަރނެޓް ވެސް އެ އޮފީހުގެ ބައެއް އިދާރާތަކަށް ރަނގަޅަށް ނުލިބޭ ކަމަށް ވަނީ އެނގިފައެވެ. ބައެއް މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ އަމިއްލަ ހޮޓްސްޕޮޓްގައެވެ.
މީގެ އިތުރުން 78 ސިޔާސީ މީހުން ތިބި އިރު ވަކި ބަޔަކު ބޭނުންވާ ގޮތަށް މިނިސްޓްރީގެ ކަންކަން ބައްޓަން ކުރާކަމުގެ ތުހުމަތުވެސް މުވައްޒަފުން ކޮށްފައިވެއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް ހޯދާލަން ކުރި މަސައްކަތްވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ސިޔާސީ މުވައްޒަފުން ގިނަވެ މަސައްކަތްކުރާނެ މާހައުލެއް ނެތްކަމުގެ ޝަކުވާ ޔޫތު މިނިސްޓްރީގެ މުވައްޒަފުން ކުރަމުންދާއިރު އެ މިނިސްޓްރީގައި ނައިބު ވަޒީރުންގެ ގޮތުގައި އެކަނިވެސް 9 ބޭފުޅުން ތިއްބަވައެވެ. އޭގެ ތެރެއިން ތިން ބޭފުޅަކު ގެންދަވަނީ ސަސްޕެންޝަންގައި ތިއްބަވައިގެންވެސް މުސާރަ ވެސް ނަންގަވަމުންނެވެ.
ސިޔާސީ މުވައްޒަފުން ގިނަވެ މަސައްކަތްކުރާނެ މާހައުލެއް ނެތްކަމުގެ ޝަކުވާއަކީ މިހާރު ސަރުކާރުގެ ގިނަ ވުޒާރާތަކުގައި ކުރަމުންދާ ޝަކުވާއެއްކަން ތޭރަ އޮންލައިނަށް ވަނީ ކަށަވަރު ވެފައެވެ.