theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ޕީއެސްއެމް
ހަބަރު
ޕީއެސްއެމްގެ އެމްޑީ މަޤާމުން އިސްތިއުފާ ދެއްވި ނަސްރީން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީއަކަށް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
02 ޑިސެމްބަރު 2025
މާލެ ސިޓީ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން،  ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަޤާމަށް އައްޔަންކޮށްފިއެވެ.

މި އައްޔަންކުރުމާއެކު ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 143 އަށް އަރާފައިވާއިރު، ސިޔާސީ މަޤާމުތަކުގެ ގިނަކަމާ މެދު އާންމުންގެ ކަންބޮޑުވުންތައް އަނެއްކާވެސް އިތުރުވެއްޖެއެވެ.

ނަސްރީން ޕީއެސްއެމްގެ އެމްޑީގެ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ޕީއެސްއެމްގެ ބޯޑު މީޓިންއެއްގައެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ރަސްމީކޮށް ހާމަކުރައްވާފައިނުވީ ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެއީ އޭނާގެ އަމިއްލަ ނިންމެވުމެކެވެ. މަޤާމުން ވަކިވެވަޑައިގަތުމަށްފަހު ހަފުތާއެއްވެސް ނުވަނީސް އޭނާ ސަރުކާރުގެ އިސް މަޤާމަކަށް އައްޔަންކޮށްފައިވުމަކީ ބައެއް ފަރާތްތަކުން ސިޔާސީ މަންފާއަށްޓަކައި މަޤާމުތައް ބަދަލުކުރާކަމުގެ ސުވާލު އުފައްދާ ކަމެކެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަޤާމަށް ނަސްރީން އައްޔަންކުރުމާއެކު، ސަރުކާރުގެ މިނިސްޓްރީތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އައްޔަންކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 143 އަށް އަރާފައިވެއެވެ. މިއީ ސަރުކާރެއްގައި ހުންނަ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު އެންމެ ގިނަ ސަރުކާރަށް ވަނީ ވެގެން ގޮސްފައެވެ. މި އަދަދު ބޮޑުވުމަކީ ރައްޔިތުންގެ ފައިސާގެ ބޮޑު ޚަރަދަކަށް ވެގެންދާއިރު، ސަރުކާރުން އިދާރީ ހަރަދުތައް ކުޑަކުރުމަށް ވެފައިވާ ވައުދުތަކާ މެދު މިހާރު ސުވާލު އުފެދެއެވެ.

ސިޔާސީ މަޤާމުތައް ގިނަކޮށް، ބޮޑެތި މުސާރައާއި އިނާޔަތްތަކާއެކު މީހުން އައްޔަންކުރުމަކީ ސަރުކާރުގެ ބުރަ އިތުރުކޮށް، ދައުލަތަށް އިތުރު ޚަރަދުތަކެއް ކުރިމަތިކުރުވާ ކަމެކެވެ. މި ސިޔާސަތުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބާރެއް ކުރިމަތިވެ، ތަރައްޤީގެ މަޝްރޫޢުތަކަށް ދޭންޖެހޭ ސަމާލުކަން ވަނީ ކުޑަވެގެން ގޮސްފައެވެ. އާންމުންގެ ތެރޭގައި މިފަދަ އައްޔަންކުރުންތަކާމެދު ހިތްހަމަ ނުޖެހުން ބޮޑުވެ، ސަރުކާރުން ދައުލަތުގެ ފައިސާ މިފަދައިން އިސްރާފު ނުކުރުމަށް އަންނަނީ ގޮވާލަމުންނެވެ.

ސަރުކާރުގެ އިސް މަޤާމުތަކަށް މިގޮތަށް މީހުން އައްޔަންކުރުމަކީ، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްވުރެ ބޮޑަށް، ސިޔާސީ ގޮތުން މަޤާމުތައް ބެހެނިކުރުމުގެ އުޞޫލަކަށް ހެދުން ކަމަށް ބައެއް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ. މިފަދަ ސިޔާސަތުތަކުގެ ސަބަބުން، އިދާރީ ދާއިރާތަކުގެ ފެންވަރަށް އަސަރުކޮށް، ދައުލަތުގެ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށްވުރެ އަންނަނީ ދަށްވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved