

ރޭ ނިދީގައި ފެނުނު "ބޮޑު" ހުވަފެނެކެވެ. ހިތް އެ ހުވަފެން ކިޔަދޭން އެދޭތީ ގެނެސްދޭނަމެވެ. އޭސިއާގެ ގައުމެއްގެ ވެރިއެކެވެ. ވެރިކަމަށް އައީ ޕާޓީގެ ވެރިންނާއި ރައްޔިތުންނަށް އިހު ސަރުކާރުން ދެމުން ދިޔަ އަނިޔާތައް ހުއްޓުވާ އިންސާފު ހޯދައި ދިނުމުގެ ވައުދުވަމުން ނެވެ. ނުހައްގުން ހައްޔަރުކޮށް ޖަލުހުކުން އިއްވި މީހުނަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެ އެވެ. އަދި އިހު ސަރުކާރުން ކުރި ވައްކަންތައްބަލާ ފިޔަވަޅު އަޅާނެ ކަމަށާއި ހަރަދުކުޑަ ދެފުއްފެންނަ ސަރުކާރެއް ހިންގަވާނެ ވައުދާއި އެކު އެވެ.
ކޮންމެ އަކަސް ސިޔާސީ ލީޑަރުން ޖަލުގައި ތިބިގެން ކުރި މަސައްކަތާއި އަދި މުޅި ރައްޔިތުންގެ ޝާމިލުވުން އޮވެގެން ވެރިކަމަށް އައުމަށް ފަހު ހުވާ ކުރަން ބޭއްވި ބޮޑު ރަސްމިއްޔާތުވެސް ފެށީ ގޯހުން ގޯހުން ނެވެ. އަމިއްލަ ގާތް ރައްޓެހިންގެ މަސްލަހަތު އޮތް ކުންފުނިތަކަށް ހުވާ ކުރުމުގެ ރަސްމިއްޔާތު ބޮޑު އަގުގައި ވިއްކާލާ ހުވާގެ ރަސްމިއްޔާތު ވެސް ފެށީ ދިރުމެއް ނެތް އެއްޗިއްސަށް މުހާތަބުކޮށް އިސްލާމް ދީނާ ބީރައްޓެހި އަމަލަކުން ނެވެ.
މި ދެންނެވި ވެރިމީހާ ދެން ފެށީ އޭނާގެ ވެރިކަން ދިފާއުކޮށް ރައްޔިތުންގެ ބާރު ކަޑުވާލުމަށް ރައްޔިތުންގެ މަޖިލިސް ހިސާރު ކުރުމަށެވެ. ކުއްލިއަކަށް އެ ވަގުތު އޮތް މަޖިލީހުން 13 މެންބަރުން ގަނެލާ ސަރުކާރަށް ސަނާ ކިޔާ ރައްޔިތުންގެ މަޖިލިސް ތެރެއިން ސިޔާސީ އިހު ދުޝްމަނުން ގާތް ކުރި އެވެ.
އެއަށް ފަހު މަޖިލިސް އިންތިހާބާ ދިމާކޮށް ވެރިކަން ހޯދައި ދިނުމަށް އެންމެ ބޮޑު ގުރުބާނީވި ސިޔާސީ ޕާޓީ އުވާލަން ތައްޔާރުކޮށް އެ ޕާޓީ ދޫކޮށް އަމިއްލަ ކުޑަ ޕާޓީ ވަރުގަދަ ކޮށް މަޖިލީހަށް އިންތިހާބުވާން އެދޭ މީހުން އަމިއްލަ ކުޑަ ޕާޓީއަށް ގެންގޮސް ދައުލަތުގެ ހުރިއްޔާ ހުރި ވަސީލަތެއް ބޭނުންކޮށްގެން މަޖިލިސް އިންތިހާބު "ވަގަށް" ނެގި އެވެ.
އަދި އެއަށް ފަހު ގާނޫނު ބަދަލު މަޖިލީސް މެނބަރުން ތަޅު އަޅުވަން ގާނޫނެއް ފާސްކުރި އެވެ. ނަތީޖާ އަކަށްވީ މެންބަރަކު ވެރިމީހާ އާދިމާލަށް ބަލާލެވޭ ގޮތަކުން ވެސް ޕާޓީން ވަކިކުރެވޭ ގޮތައް ހަދާ އަދި ހޮވުނު ޕާޓީން ވަކިކޮށްފިނަމަ ގޮޑިގެއްލޭ ގޮތް ވި އެވެ.
އެކަމާ ގަންނާ ކުރައްވާ ބިރުން ތިއްބެވި މަޖިލިސް މެންބަރުންނަށް އަމިއްލަ ގެކޮޅުން ފައިސާ ބަހަމުން ގޮސް ފުރަތަމަ ދިމާކޮށްލީ އެގައުމުގެ އަދުލް އިންސާފު ގާއިމްކުރަން ތިއްބި ފަނޑިޔާރުންނާއެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން ވެރިމީހާގެ ބާރުގެ ދަށަށް ގެނެސް ހަމަ ޖެހިލި އެވެ. ލިޔެފަ ދޭ ހުކުން ކުރަން ދެކޮޅު ހެދި ފަނޑިޔާރުން ވަކިކުރި އެވެ.
އެއަށްފަހު މަޑުމަޑުން ވެރިކަން ދިފާއު ކުރެވޭނެ ގޮތައް ގާނޫނު ތައް ހަދަން ފެށި އެވެ. ބައެއް ބޮޑެތި ގާނޫނުތައް އެން ދުވަސް ދެ ދުވަހުން ބަދަލުކޮށް މިނިވަން މުއައްސަސާތައް ވެރިޔާގެ ބާރުގެ ދަށަށް އިލެކްޝަން ކޮމިޝަން ހިމެނޭ ހެން މިނިވަން ގިނަ މުއައްސަސާތަކަށް ވެރިން އައްޔަނު ކުރުން ވެސް ވެރިމީހާގެ އަތް ދަށަށް ގެނެސް ގާނޫނުތައް ކޮށާ މަށާން ފެށި އެވެ.
ވެރިކަމަށް އައުމަށް ވީ ވައުދުތައް ނުފުއްދާ ރައްޔިތުން ހެޔޮ ވެރިކަމެއް ނުކޮށްދެވުމުގެ ނަތީޖާ އަކީ އިންފްލޭޝަން މަތިވެ ޑޮލަރުގެ އަގު އުފުލި ފައިސާގެ އަގު ދައްވި އެވެ. އެހާ ހިސާބުން މުދަލުގެ އަގު ބޮޑުވެ އަސާސީ ކާބޯތަކޭތީގެ އަގާއި ބޭހުގެ އަގު މަތިވެ ރައްޔިތުންގެ އަތް ނުފޯރާ ފަށަށް ދިއައެވެ. މި ކަމާއި ދެކޮޅަށް ބަހެއް ބުނާ ކޮންމެ މީހަކަށް "އަނދިރި" ދައުލަތުން ހަމަލާ ދޭން ފެށި އެވެ.
ކޮންމެ އަކަސް މި ކިޔާ ވެރިމީހާގެ ނުލަފާކަން ހައްދުން ނެއްޓި ގައުމުގައި ކޮރަޕްޝަނާއި ފަސާދަ އާންމުވެ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދުނެވެ.
ވެރިމީހާގެ އުޅުމާއި ގުޅުން ބައެއް ފަހަރު ޖަރުމަނުގެ ހިޓްލަރަށް ވުރެ ވެސް ނުބަ އެވެ. ސިޔާސީ މަދަދުވެރިންނަށް ދައުލަތުގެ ވަސީލަތްތަކާއި ބިންތައް ބަހާ ހުސްކުރަން ފެށި އެވެ. ބޭރު ގައުމުތަކާއިއެކު "ސިއްރު" އެއް ބަސްވުންތައް ހަދަން ފެށި އެވެ. ސަރުކާރުގެ ކުންފުނިތަކުން ވެރިޔާގެ ގެކޮޅަށް ފައިސާ "އުފުލަން" ފެށި އެވެ.
ދައުލަތެއްގެ ސިފަ ގެއްލި ގާނޫނުތައް ރަންމެދުކޮށް ސެލެކްޓިވް ޖަސްޓިސް ހިންގަން ފެށި އެވެ. ޖަނަވާރުގެ ނަމުން މަޝްހޫރު ވެފައިވާ ކޮލަމްބިޔާގެ ލުއީސް ގަރަވީތޯ، ރަޝިޔާގެ އަންޑްރެއި ޗިކަޓިލްކޯ، އިންޑޮނީޝިޔާގެ އަހުމަދު ސުރާޖީ އަދި އެމެރިކާގެ ރިޗާޑް ކުކްކިލިންސްކީ ފަދަ ގާތިލުން ފަދައިން ނެވެ.
ރައްޔިތުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ދޭހަވާ ގޮތައް އެކި ސިޔާސީ މެހެފިލްތަކުގައި ގޮވާން ފެށި އެވެ. ރައްޔިތުން ކިތަންމެ ފެލުނަސް ދެން ވެރިމީހާ ބަދަލު ނުވާނެ ކަމަށް ބުނަން ފެށި އެވެ. އަދި ގާނޫނޫ އިސްލާހުކޮށް ވެރިކަން ދަންމާލަން އުޅޭ ކަމުގެ އަޑު ރަށު ތެރޭގައި ގަދަ ވި އެވެ.
މިވާހަކަތައް ނޫސްތަކުން ރިޕޯޓް ކުރަން ފެށުމުން ދެން ވެރިމީހާ ދިމާކޮށްލީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމަށް ބަލާ ނޫސްވެރިންނާ މީޑިއާ ހައުސްތަކާއި އެވެ. ކުއްލިއަކަށް މަޖިލީސްއަށް ގާނޫނެއް ވައްދާ ނޫސްވެރިކަން ކަފުން ކުރި އެވެ. ވެރިމީހާގެ ކޮރަޕްޝަންގެ ވާހަކަ ތަކާއި ނުފުއްދި ހުރި ވައުދުތަކުގެ ވާހަކަ ލިޔުން ހުއްޓުވި އެވެ. އަދި ޝޯޝަލް މީޑިއާގައި ވެސް ވެރިމީހާގެ "ގޯސް" ވާހަކަ ދައްކާ އުޅޭ އެކައުންޓްތައް ބަންދު ކުރަން ފެށި އެވެ.
ކޮންމެ އަކަސް މިކަމާއި ޒުވާނުން ނިކުމެ ފެށި ބޮޑު މުޒާހަރާ ހޫނުވެ ނޭޕާލުގައި އިހަށް ދުވަހު ވީހެން ސަރުކާރުގެ ވެރިން ފަހާ ރައްޔިތުން ދުވަން ފެށި އެވެ. އިސާހިތަކު މުޒާހަރާތައް ވެރިރަށަށް ފެތުރު ރައްޔިތުން މަދަނީ ބަސް ނޭހުމަކަށް ގޮސް މަސައްކަތްތެރިންނާއި ސިވިލްސާވިސް މުވައްޒަފުން ހިމެނޭ ހެން ނަރުހުންނާއި ޓީޗަރުން މަސައްކަތައް ނިކުތުން ހުއްޓާލި އެވެ.
ރައްޔިތުންގެ ރުޅިވެރިކަން ފެތުރި ހިގަންފެށި ހަމަނުޖެހުން ސަލާމަތީ ބާރުތަކަށް ކޮންޓްރޯލް ނުވުމުން ވެރިމީހާ އަށް ޖެހުނީ ވެރިކަން ދޫކޮށްލައްވާ ށެވެ. އެ ގައުމުގައި ގާނޫނީ ނިޒާމް އޮތް ގޮތުން ރައީސްގެ އިސްތިއުފާ ދެއްވުމުން ވެރިކަމާއި ހަވާލުވީ ނައިބު ރައީސް އެވެ.
އަދި ހިގަމުންދާ ވެރިކަމުގެ ދައުރު ކުރުކޮށް އަލުން އާ އިންތިހާބަކަށް ދިއުމަށް މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރުމުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް "ވަގުތީ ސަރުކާރުން" އެއްބަސްވެ އިލެކްޝަން ކޮމިޝަނުން އެ މަސައްކަތް ފެށި އެވެ.
އިސާހިތަކު ކުރިން ވެރިކަމުގައި ތިބި ނުހައްގުން މުއްސަދިކަން ހޯދި މީހުންގެ ތަހުގީގުތައް ފެށި "ވަގުންގެ" ވެރިކަން ނިމުމުން މިނިވަން މުއްސަސާތަކާއި ތަހުގީގީ އިދާރާތައް އަވަސްވެ ގަތެވެ. ރައްޔިތުންގެ ގޮވާލުމަކީ ވެސް އެއީ އެވެ. ގިނަ ބައެއްގެ ޕާސްޕޯޓް ހިފައްޓާ ގައުމުން ފުރުން މަނާ ކުރި އެވެ. އޭގެ ތެރޭގައި އިސްތިއުފާ ދެއްވި ރައީސް ވެސް ހިމެނެ އެވެ.
މި ހާ ހިސާބަށް ހުވަފެން ދިއުމާއިއެކު އަޅުގަނޑަށް ހޭލެވުނެވެ. އަދި މި ފެނުނު ހުވަފެނާއި މެދު ވިސްނަން ގިނަ ވަގުތު އެދުމަތީ އޮވެވުނެވެ. ދުނިޔެ ދުށް އެންމެ ނުބައި ނުލަފާ ވެރިންގެ ނިމުން އައިސްފަ ހުރީ މިފަދައިން ނޭ ހިތައް އެރި އެވެ.