ރިޔާސަތުގައި މަޖިލީހުގެ ރައީސް އަދުރޭ / މަޖިލިސް
ސިޔާސީ
ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަދުރޭ މުރައިދޫ ގެއަށް!
Aishath Naja
އައިޝަތު ނަޖާ
24 ޖުލައި 2024
މާލެ ސިޓީ

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މަޖިލިސް ރައީސްކަން ކުރައްވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ގެކޮޅު ކަމަށްވާ މުރައިދޫގެއަށް ބަދަލުވެވަޑައިގަންނަވަން ނިންމަވައިފި އެވެ.

މިކަން ޔަގީންވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް މުރައިދޫގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން އެ ގެކޮޅުގެ ބައެއް މަގާމުތަކަށް ބަދަލުތަކެއް ގެންނަން ސިޓީއަކުން ހުށަހަޅުއްވުމާއި ގުޅިގެންނެވެ.

އަދުރޭ ހުށަހެޅުއްވީ މުރައިދޫގޭގެ އެއް މަގާމެއްގެ ނަން ބަދަލުކޮށް، ހަތަރު މަގާމެއް އުވާލުމަށް ފަހު، އެ މަގާމުތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމުގެ ހުއްދައަށެވެ.

އެ ކޮމިޓީގައި އިސްދޫ ދާއިރާގެ މެމްބަރު އިސްމާއިލް ޝަފީއު ވިދާޅުވީ މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅު މަރާމާތުކުރުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

މަރާމާތައް ދައުލަތުން ޚަރަދުވޮި ވަރު އަދި ހާމަކޮށްފައިނުވެއެވެ.

މުރައިދޫ ގެއަކީ މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެން މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ހާއްސަ ކުރި ގެއެކެވެ.

ބޮމުގެ ހަމަލާއަށް ފަހު ނަޝީދު މުރައިދޫ ގޭގައި ދިރިއުޅުއްވި ނަމަވެސް ނަޝީދަށް ފަހު މަޖިލީހުގެ ރައީސްގެ މަގާމު އެންމެ ފަހުން އަދާ ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެ ގޭގައި ދިރި ނޫޅުއްވަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved