ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީ އާއި ވާކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށް ފައިސާ ނުދައްކާ ހުރި ކުންފުނިތަކުގެ ލިސްޓު އާންމުކޮށް، ހޯމް މިނިސްޓްރީން ގެޒެޓްކޮށްފިއެވެ.
މި ލިސްޓު އެ ވުޒާރާއިން ގެޒެޓު ކޮށްފައިވާއިރު، ލިސްޓުގައި ޖުމްލަ 1026 ކުންފުނި އޮތް އިރު އެ ކުންފުނިތަކުން ދައުލަތަށް ދައްކަން ހުރި ފައިސާގެ ޖުމްލަ 636.5 މިލިއަން ރުފިޔާއަށް އަރައެވެ.
އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތް ދިހަ ކުންފުނިން އެކު ޖުމްލައިގެ ތެރެއިން 124 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ.
ކުންފުނިތަކުގެ ލިސްޓު އާންމުކޮސްފައިވާއިރު އޭގެ ތެރެއިން ބައެއް ކުންފުނިތަކަކީ ސަރުކާރުގެ އިސް މަގާމުތަކުގައާ އަދި މަޖިލީހުގައި ސަރުކާރު ތަމްސީލޫ ކުރާ މެމްބަރުންގެ ކުންފުނިތަކެވެ.
އޭގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒުގެ އެޑްވައިޒަރ މުހައްމަދު އަލީ ޖަނާހުގެ ކުންފުންޏާ އޭދަފުށީ ދާއިރާ މެމްބަރު އަހުމަދު ސަލީމުގެ ކުންފުންޏާ އަދި ތިނަދޫ އުތުރު ދާއިރާ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުނިވެސް ހިމެނެއެވެ.
ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮަށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު -/100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުވާ ފަރާތްތަކުގެ ތަފްޞީލް pic.twitter.com/Jkj3OMlzA2
— Ministry of Homeland Security & Technology, MV (@HomeMinistrymv) July 24, 2024
ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރި ކަމަށް ލިސްޓުކޮށް ނެރުނު ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތަކުން ހާމަކުރާ ގޮތުގައި ސަރުކާރުން އެ ކުންްފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މިލިއަނުން އެބަހުރި ކަމަށެވެ. އެހެންކަމުން އެ ފައިސާ ސަރުކާރުން ކުންފުނިތަކަށް ދެއްކިހާ އަވަހަކަށް ކުންފުނިތަކުންވެސް އެ ފައިސާ ދައްކާނެ ކަމަށް ހާމަކޮށްފައިވެއެވެ.
ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީ އާއި ވޯކް ޕާމިޓް ފީ ނުދައްކާ މައްސަލަ ބޮޑުވެފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރޭގައި ގިނައީ ކުންފުނިތަކުން ގެނެސް އަޅައިނުލުމުގެ ސަބަބުން ގަވާއިދާ ހިލާފަށް އުޅެން މަޖުބޫރުވެފައިވާ މީހުންކަން ފާހަގަކޮށްލެވެއެވެ.