ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރަން އިސްލާމިކު ވަޒީރު ޑރ. މުހައްމަދު ޝަހީމު ޢަލީ ސަޢީދު މަސައްކަތްކުރެއްވި ނަމަވެސް ދައުލަތުގެ ވެރިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޚިޔާރުކުރެއްވީ އެކަމުގައި ދިގު ރާސްތާކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަ ފްރޮންޓް އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސަރުކާރުން ދެ ފުށް ފެންނާނެހެން މަސައްކަތްކުރަމުންދާ ކަމަށް ސަރުކާރުން މެޑަލް ޖަހަމުންދާތީ އެކަމަށް ރައްދު ދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމަށް ވެސް ތެދު ނިޔަތެއް އޮތްނަމަ ސަރުކާރަށް ވަރަށް ފަސޭހައިން ކުރެވެން އޮތްކަމެއްގައި ބަހަނާ ދެއްކުމަށް މަޖިލީހަށް ފޮނުވާ އެތައް ދުވަހެއް ބޭކާރުކުރަމުންދާ މަންޒަރުކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އަޅުގަޑު ގަބޫލުކުރަން އިސްލާމިކު މިނިސްޓަރަށް ފަލަސްތީނު މައްސަލައިގައި ވަރަށް އަސަރުކުރޭ. އެއީ އަޅުގަޑު ގަބޫލުކުރާ ގޮތުގައި ފަލަސްތީނުގެ ހައްގުގައި ތެދުވެރި މަސައްކަތެއް ކުރައްވާނެ ވަޒީރެއް. އެމަނިކުފާނަށް އެކަމުގައި ކުރެވެން އޮތް މަސައްކަތެއް ކުރައްވާނެކަމާ މެދު އަޅުގަޑު ޝައްކު ނުކުރަން. ނަމަވެސް ތަންފީޒީ އާ ހަމައަށް ދިއުމުން މި ފެންނަނީ ދިގު ރާސްތާ ޚިޔާރުކޮށް ވަގުތުތަކެއް ބޭކާރު ކުރަމުން ގެންދާ މަންޒަރު
މީގެ އިތުރުން ރައީސް ޔާމީން ވަނީ ރައްޔިތުން ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުންވެސް ދުވަސްކޮޅަކުން ކުށަކަށް ވެދާނެކަމުގެ ބިރު ހީފުޅުވާކަމަށް ވިދާޅުވެފައެވެ.
ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް ގިނަ ދުވަސްތައް ސަރުކާރުން ހޭދަކުރަމުން ގެންދާތީ ރައީސް ޔާމީން ނުރުހުން ފާޅުކުރައްވާފައިވާއިރު، ރައީސް އޮފީހުން އެކަމަށް އެކުލަވާލީ ކޮމިޓީއިން ވަނީ އަނެއްކާވެސް ކުރިން ފާސްކޮށްފައި އޮތް ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރާ ބިލު އަނބުރާ މަޖިލީހަށް ފޮނުވާފައެވެ. އަދި މަޖިލީހަށް ފޮނުވިތާ 45 ދުވަހަށް ވުރެ އިތުރުވެފައިވާއިރު، ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން އެކަަމަށް އަހައްމިއްޔަތުކަމެއް ދީ އަވަސްކުރަން އުޅޭ މަންޒަރު ފެނިގެން ނުދާކަން ފާހަގަކޮށްލެވެއެވެ.