އިންޑިއާގެ މިލިޓަރީ ބޭސްތަކެއް ރާއްޖެ ސަރަހައްދުގައި ގާއިމުކުރާނެކަމަށް އިންޑިއާއިން ހާމަކޮށްފިއެވެ.
އެގޮތުން އިންޑިއާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ޗައިނާގެ ނުފޫޒު އިންޑިއާ ކަނޑަށް އޮތް މިންވަރު އިތުރުވަމުންދާ ކަމަށް ބުނެއެވެ. އަދި މި ނިންމުމަކީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ނިންމެވުމެއް ކަމަށާ ކެބިނެޓު ބައްދަލުވުމުގައި މި ނިންމުން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެގޮތުން ރައީސް މުހައްމަދު މުއިއްޒުގެ އެދުމުގެ މަތިން އިންޑިއާ ސިފައިން ރާއްޖެއިން ގެންދިއުމުން ޗައިނާގެ ބާރު ލަކްޝަދީބު ހިމެނޭ ސަރަހައްދުގައި ފަތުރަމުންދާ ކަމުގެ ތުހުމަތުކޮށްފައިވެއެވެ. އެހެންކަމުން އިންޑިއާ ކަނޑުގެ އެ ޗެނަލަށް ޗައިނާގެ ނުފޫޒު އޮތް މިންވަރު ކުޑަ ކުރުމަށް މަލިކު ހިމެނޭހެން އެ ސަރަހައްދުގައި މިލިޓަރީ ބޭސްތަކެއް ގާއިމުކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
މި ފަދަ ޚަބަރެއް އިންޑިއާގެ ނޫހަކުން ރިޕޯޓުކޮށްފައިވާއިރު، އިންޑިއާގެ ނުފޫޒުން ގައުމު ސަލާމަތްކޮށް އިންޑިއާގެ ގޮނޑި ކޮއްކޮ ސަރުކާރަކަށް ރާއްޖޭގައި ނިމުން ގެންނަވާނެ ކަމުގެ ވައުދާ އެކު ވަޑައިގެން ރައީސް މުއިއްޒު ގެންދަވަނީ އިންޑިއާ ކުރިމަތީ ކުޑަ ކަކޫ މައްޗަށް ތިރިވަމުންކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.