ސަރުކާރެއް ބަހާ އަމަލާ ދިމާނުވުމަކީ އެ ސަރުކާރަކަށް ރައްޔިތުން ކުރި އިތުބާރު ގެއްލުމާ ގާތަށް ޖެހެވޭނެ ޖެހެވުމެއްކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ރައީސް، ޒޭން އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޒޭން މިފަދައިން ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންގެ ވޯޓު ހޯދަން ދެއްކެވި ވާހަކަތަކާ، ވެރިކަން ލިބުމުން އަމަލުތައް ދިމާނުވާތީ ކަންބޮޑުވުން ފާޅުކުރައްވާ، ބުރާސްފަތި ދުވަހުގެރޭ ބޭއްވި ދަ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޒޭން ވަނީ ސަރުކާރުން ކަންކުރަމުން ގެންދަވާ ގޮތްތަކަށް ފާޑުވެސް ވިދާޅުވެފައެވެ. އެގޮތުން ވިއްކާލި ކަނޑުގެ މައްސަލައިގައި، ވެރިކަމަށް އައުމުގެ ކުރިން އަދުގެ ވެރިން ލޮލަށް ނިދި ނައިސްގެން އުޅުއްވި މަންޒަރު ފެނުނު ނަމަވެސް މިއަދު އެ މައްސަލައިގައި ވާހަކަވެސް ދައްކަވާނެ ބޭފުޅަކު ނެތްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޒޭން ވަނީ ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންގެ އިތުބާރު ހޯދަންވީ ވައުދުތައް ވެރިކަމަށް އައުމަށްފަހު ހަނދާން ނައްތާލުމަކީ ސަރުކާރުތަކުގެ ވެރިން ހައްދަވާ ވަރަށް ބޮޑު ގޯހެއްގެ ގޮތުގައި ސިފަވެސް ކުރައްވާފައެވެ.
ރާއްޖޭ މިހިސާބަށް ވައްޓަލި ބަޔަކު ޖަވާބުދާރީކުރުވަން މި ސަރުކާރުން ޖެހޭ. ރައްޔިތުން މިއަދު ތިބީ ބަނޑުފުރާ މުއްތި ކޮށް ކައިގެންތޯވެސް ބަލަން ޖެހޭ. ވެރިކަމެއް ކުރަން މި އަންނަ ބަޔަކު ވެރިކަމަށް އަންނަނީ ރައްޔިތުންގެ ނުހަނު ލޯތްބާ އެކު. ރައްޔިތުންގެ އިތުބާރާއެކު އައިސް ބަހާ އަމަލާ ދިމާނުވާކަމަށް ވާން ވެއްޖެ ނަމަ ރައްޔިތުންގެ އިތުބާރު ގެއްލުން އެއީ ވަރަށް ކައިރީގައި އޮތް ކަމެއް
އެހެންކަމުން އިންތިޚާބުގެ ދުވަސްވަރު ވައުދުވެވަޑައިގެންނެވި ފަދައިން ސަރުކާރުގެ ސިޔާސަތުތަކުގެ ދެ ފުށް ފެންނާނެހެން ހާމަކުރުމަށް ޒޭން ވަނީ ދިވެހި ސަރުކާރަށް ގޮވާލައްވާފައެވެ.