ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފްއާ) ގިނަ ބަޔަކު ގުޅިއްޖެއެވެ.
ރައީސް ޔާމީންގެ ޕާޓީއިން މަޖިލީހަށް ނުކުތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާގައި، އެ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ވަނީ ހަވާލުކޮށްފައެވެ
ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ ރައީސް ޔާމީންއެވެ. 200 އަށް ވުރެ ގިނަ މެމްބަރުންގެ ފޯމު ރައީސް ޔާމީންގެ ޕާޓީއާ ގުޅުމަށް ބުރާސްފަތި ދުވަހުގެ ރޭ އެކަނި ވެސް ވަނީ ހުށަހަޅާފައިވެއެވެ.
ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި އެންމެ ގިނަ ފޯމު ހުށަހެޅީ ތޮއްޑޫ ދާއިރާއިންނެވެ. މީގެ އިތުރުން އދ. މާމިގިލީ ދާއިރާއިންވެސް ގިނަ ބަޔަކު ވަނީ ރައީސް ޔާމީންގެ ޕާޓީއާ އަލަށް ގުޅިވަޑައިގެންފައެވެ.
ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީގެ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށާ އެގޮތުން މިހާރު ޕާޓީ އުފެއްދުމަށް ބޭނުްނވާ ގާނޫނީ އަދަދު ހަމަވެފައިވާ ކަމަށް އެ ޕާޓީއިން މީގެ ކުރިން ހާމަކޮށްފައިވެއެވެ. ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅުމަށް ވިސްނާފައިވަނި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ނިމުމުން ކަމަށްވެސް އެ ޕާޓީއިން ހާމަކޮށްފައިވެއެވެ.
ރައީސް ޔާމީން ޕީޕީއެމުން ނިކުމެ ވަޑައިގެން، އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވާފައިވަނީ، ޕީޕީއެމްގެ ރައީސްގެ ގޮތުގައި އެމަނިކުފާނު ހުންނެވި ނަމަވެސް، ޕާޓީ ހިންގެވުމަށް އެމަނިކުފާނަށް ތަފާތު ފިއްތުންތައް ކުރިމަތިވުމުގެ ސަބަބުންނާއި، ޕާޓީގެ ލީޑަޝިޕުން ރައީސް ޔާމިނަށް ދުރަށް ޖެހިވަޑައިގެން، ޕާޓީ ހިންގުމަށް ފުރުސަތު ނުދެއްވުމާއި ގުޅިގެންނެވެ.
އެމަނިކުފާނު އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ ޕީއެންއެފް ވެގެންދާނީ ހުރިހާ ގޮތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ދިފާއުކޮށް ހިމާޔަތްކުރާނެ ޕާޓީއަކަށް ކަމަށާއި، ޕާޓީގެ މަގްސަދަކީ، މިނިވަންކަމާއި އެކު ރައީސް ޔާމީނުގެ ފިކުރު ކުރިއަރުވާ ސަރުކާރަށް އެއްބާރުލުން ދިނުންކަމަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.