އިރާންގައި އަަވަހާރަކޮށްލި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ މައްޗަށް ރާއްޖޭގެ ގިނަ މިސްކިތްތަކުގައި ޣައިބަށް ކަށުނަމާދު ކޮށްފިއެވެ.
މުސްލިމް ހުރިހާ ގައުމެއްގައި ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ހަމާސް އިން ވަނީ ގޮވާލައިފައެވެ.
އަދި އެ ގޮވާލުމަށް އިޖާބަ ދެއްވައި ރާއްޖޭގެ ބައެއް އިލްމުވެރިން ވެސް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކެއްގައި ޣައިބަށް ކަށު ނަމާދު ކުރަން އެދިފައެވެ.
އިރާންގެ އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސްވެރިޔާ ހަނިއްޔާ މިދިޔަ ބުދަ ދުވަހު ޝަހީދުކޮށްލީ ޔަހޫދީން އީރާނުގެ ވެރިރަށް ތެހެރާންގައި ދިން ބޮމުގެ ހަމަލާއެއްގައެވެ.
އަދާލަތު ޕާޓީން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހަނިއްޔާއަކީ ފަލަސްތީނުގެ މިނިވަންކަމާއި އިސްލާމީ އުންމަތަށްޓަކައި މަތިވެރި ގުރުބާނީތަކެއް ވެވަޑައިގެންނެވި އަބުތާލެއް ކަމަށާއި، އެފަދަ ބޭފުޅުންގެ އަގު ވަޒަން ކުރުމަކީ އުންމަތުގެ ކޮންމެ ފަރުކު ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެހެންކަމުން، ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދަށް ފަހު ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް އެދިފައިވެއެވެ.