ގައުމު ހިންގުމަށް ލޯނު ނެގުމަކީ މައްސަލައެއް ނޫން ނަމަވެސް މިހާރު މައްސަލައަކަށް ވެގެން އުޅެނީ ލޯނު ނެގުމަށް ފަހު އެކަންކަން އޮޅުވާލަން ސަރުކާރުން މަސައްކަތްކުރަމުން ދިއުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި އިގްތިސޯދާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން މުސާރަ ދޭން ވެސް އަދި ދަރަނި ދައްކަންވެސް ލޯނު ނެގި ވާހަކަ ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ކަމަށާ އަދި އެކަމުގެ ސަބަބުން އިގްތިސޯދީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައިވާކަން ވެސް ފާހަގަކުރެއްވި ކަމަށެވެ.
ނަމަވެސް ރައީސް މުއިއްޒުވެސް ވެރިކަމަށް ވަޑައިގެން ގެންދަނީ ހަމަ އެ އުސޫލުން ލޯން ނަންގަވަމުން ކަމަށާ، ލޯނު ނެގުމަކީ މައްސަލައެެއް ނޫން ނަމަވެސް މައްސަލައަކީ ކުރީ ސަރުކާރުގެ ވާހަކަ ދައްކާ އެކަންކަން ތަކުރާރުކުރަމުންދާއިރު ވެސް އޭގެ ހަގީގަތް ރައްޔިތުންނަށް ފޮރުވަން ސަރުކާރުން މަސައްކަތްކުރުމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ކުރި ކަންކަމުގެ ތެރެއިން ނޫޓު ޗާޕުކުރުން ނޫން ހުރިހާ ކަމެއް މި ސަރުކާރުން ކޮށްފި. އަޅުގަޑޫ މިއުޅެނީ ލޯން ނަގާތީ މައްސަލައަކަށް ވެގެން ނޫން. މިއުޅެނީ ލޯނު ނެގުމަށްފަހު އެކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލާތީ އެކަންކަން ރައްޔިތުންނަށް ސާފުކޮށްދޭން. އެއީ ރައްޔިތުންނަށް އެނގެން ޖެހޭ ކަންކަން.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުން މިވީ 8 މަސް ދުވަހުގެ ތެރޭގައި މުސާރަ ދިނުމަށް، ބޭންކް އޮފް މޮލްޑިވްސްއިން 600 މިލިއަން ޑޯލަރުގެ ލޯނެއް ނަގާފައިވެއެވެ. އަދި އެއާޕޯޓާ ލިބޭ ހުރިހާ އާމްދަނީއެއް ހެޗްކޮށް ބޮންޑަކަށް ސަރުކާރުން ފައިސާ ނަގާފައިވެސް ވެއެވެ.