އެލެގްރާ ސަސްޕެންޝަން ނުވަތަ އެލެގްރާގެ ދިޔާ ބޭސް އެތެރެކޮށް ވިއްކުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްއެންޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، އެލެގްރާގެ ތިން ބެޗެއްގައި މައްސަލަތަކެއް ދިމާވެފައިވާކަން އުފެއްދި ކުންފުނިން އަންގާފައިވާ ކަމަށެވެ. މި ބޭހުގެ ބާރުމިނަކީ 30މގ/5މލ އެވެ.
އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެނޮފީ އިންޑިއާ ލިމިޓެޑް އިން އުފައްދާފައިވާ އެލެގްރާގެ ބެޗުތަކަކީ،AL1223019، AL1223029 އަދި AL1223060 އެވެ.
އެހެންކަމުން، މި ތިން ބެޗުގެ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ހަމަ އެހެންމެ އެ ބެޗުތައް ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ޚިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެމްއެފްޑީއޭގެ އީމެއިލް މެދުވެރިކޮށް އެންގުމަށް ވެސް ވަނީ އެދިފައެވެ.
އެ އޮތޯރިޓީން ބުނީ ބޭހާ ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު، 7200321 އަށް ގުޅުމަށް އެދޭ ކަމަށެވެ.
އެލާޖިކާއި ރޯގާ ޖެހުމުން ބޭނުންކުރާ ބޭހަކީ އާންމުގޮތެއްގައި ކުޑަކުދިންނަށް ދޭ ބޭހެކެވެ. މި ބޭސް ދޭ ހާލަތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ލޮލުގައި ރިއްސުން ނުވަތަ ލޯ ރަތްވުން އަދި އާދައިގެ ރޯގާ ހިމެނެއެވެ.