ބަންގްލަދޭޝްގައި ކުރަމުން ދިޔަ މުޒާހަރާތައް ބޮއްސުންލާ، އެ ގައުމުގެ ބޮޑު ވަޒީރު ޝެއިހު ހަސީނާ އިސްތިއުފާދީފި ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.
މީޑީޔާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހަސީނާ ދިރިއުޅުއްވާ ގަނޑުވަރަށް މުޒާހަރާގެ ބައިވެރިން ވަނީ ވަދެގަނެފައެވެ.
ބަންގްލަދޭޝްގެ އާމީ ޗީފް ޓީވީ މެދުވެރިކޮށް ބުނެފައިވަނީ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ގައުމު ހިންގުމަށް ވަގުތީ ސަރުކާރެއް ވަރަށް އަވަހަށް އެކުލަވާލާނެ ކަމަށެވެ.
ރޮއިޓަސްއިން ރިޕޯޓުކޮސްފައިވާ ގޮތުގައި ހަސީނާ ވަނީ ގައުމު ދޫކޮށް ފިލާފައެވެ. އެގޮތުން އަސްކަރީ ހެލިކޮޕްތަރެއްގައި އޭނާ ވަޑައިގަތީ އިންޑިއާއަށް ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
ދަރިވަރުން މުޒާހަރާ ކުރަމުންދަނީ ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވި އެގައުމުގެ ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓު ދޭންޖެހޭގޮތަށް ކަނޑައަޅާފައި އޮންނަ އޮތުމާ ދެކޮޅަށެވެ. އެގޮތަށް ކަނޑައަޅާފައި އޮތުމުން ކިޔަވައިގެން ނިކުންނަ ކުދިންނަށް ވަޒިފާ ހޯދުމުގައި ދަތިތަކާ ކުރިމަތިވެ އެކަމު ނުރުހުން ދަރިވަރުން އަންނަނީ ފާޅުކުރަމުންނެވެ.
ހަސީނާ ވަނީ ދަރިވަރުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ނެރެ މަދުވެގެން 300 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ. ހަސީނާއަށް ތާއީދު ކުރާ އެ ގައުމުގެ ގޭންގުތަކުން ވެސް ވަނީ މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ތެދުވެފައެވެ.
މިވަގުތު ވެސް މިލިއަނަކަށް ވުރެ ގިނަ ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ކަމަށްވެ އެވެ.
ހަސީނާ އިސްތިއުފާ ދެއްވުމުން އެ ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ ވާކިރުއްޒަމާން ވަނީ ހަމަނުޖެހުން މައިތިރިކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި ވަގުތީ ސަރުކާރެއް އެކުލަވާލުމަށް އިދިކޮޅު ޕާޓީތަކާއެކު މިއަދު ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމަނުޖެހުމުގައި މަރުވި އެންމެންގެ މައްސަލަތައް އިންސާފުވެރިކަމާއެކު ތަހުގީގު ކުރާނެކަމުގެ ޔަގީންކަން ވެސް އަސްކަރިއްޔާގެ ވެރިޔާ އެ ގައުމުގެ ރައްޔިތުންނަށް ދެއްވި އެވެ.