March 19, 2026
Advertisement
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

މަޖިލީހަކީ ރައްޔިތުންގެ މަޖިލީހެއް، ރައީސް މުއިއްޒުގެ މަޖިލީހެއް ނޫން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 6, 2024, 12:00 AM
މާލެ ސިޓީ

މަޖިލީހަކީ ރައްޔިތުންގެ މަޖިލީހެއް ކަމަށާ އެހެންކަމުން މަޖިލީހުގެ މެމްބަރުން މަސައްކަތްކުރަންވާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން މި ސަރުކާރުން މަސައްކަތްކުރަނީ ރަގަޅަށް ނޫންކަމަށް ވިދާޅުވެފައެވެ.

އެގޮތުން ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރަން އަލުން ކޮމިޓީ މަރުހަލާއަށް ފޮނުވާފައިވާއިރު މަޖިލީހުން އެކަމަށް އިސްކަމެއް ނުދެއްވާތީ ރައީސް ޔާމީން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، މަޖިލީހަކީ ރައްޔިތުން ހޮވާފައި ތިބި ރައްޔިތުންގެ މެމްބަރުންތަކެއްގެ މައްޗަށް އެކުލެވޭ މަޖިލީހެއް ކަމަށާ އެއީ ރައީސް މުހައްމަދު މުއިއްޒުގެ މަޖިލީހެއް ނޫން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަންވާނީ ރައްޔިތުންގެ ވިންދާ އެއް ގޮތަށް ކަމަށްވާއިރު، ސަހްޔޫނީންނަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ޕާސްޕޯޓު މަނާކުރުމަށް ދިވެހިން ގޮވަމުންދާއިރުވެސް ކޮމިޓީ މަރުހަލާގައި އެ މައްސަލަ ބާއްވައިގެން މަޖިލީހުން އުޅެނީ ރައީސް މުއިއްޒުގެ އެންގެވުމަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް އެއީ އެކަން ވެގެން ވާނެ ގޮތް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިޒްރޭލު މީހުންގެ ޕާސްޕޯޓު ހިފަހައްޓާ ވާހަކަ ދައްކާފައި މައްސަލަ މަރާލާފައި އެ އޮތީ ކޮމިޓީގައި ބާއްވާފައި. މަޖިލީހުގައި އެތިބީ ރައްޔިތުންގެ ވިންދު ހިނގާ ބައެއް. މަޖިލިސް އެބަޖެހޭ މިހާރު މިކަހަލަ ކަންކަމުގައި ބުނަން. ސަރުކާރުގެ ސިޔާސަތާ މިކަހަލަ އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި މަޖިލީހުގެ ވިސްނުމާ ތަފާތުވާން ވާނެ. އެއީ ރައޔްިުތުންގެ މަޖިލީހެއް މަޖިލީހަކީ، ރައީސް މުއިއްޒުގެ މަޖިލީހެއް ނޫން، އެތާ ތިބެދާނެ ޕީއެންސީގެ އަޣްލަބިއްޔަތު ނޫނީ ބޮޑު އަޣްލަބިއްޔަތު އޮތް ބަޔަކު. އެކަމު ރައްޔިތުންނަށް ތެދުވެރިވަން ހެއްޔޭ. އަޅުގަޑުމެން ކޮށްގެން ތިބި ހުވަޔަށް ތެދުވެރިވަން ހެއްޔޭ. އިސްލާމީ ވަހްދަތު އެއީ އަޅުގަޑުމެން ގަބޫލުކުރާ އެއްޗެއް ހެއްޔޭ. އަޅުގަޑުމެން އިސްލާމީ ވަހްދަތު ގަބޫލުކުރަންވީ ކުރާ ތަގްރީރުތަކުގައާ އިސްލާމީ އަރަބި ގައުމުތަކަށް ސަލާން ޖަހަންދާއިރަކު ނޫނެއްނުންތޯ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމުގެ ހެޔޮ ނިޔަތެއް ކަމަށާ އެގޮތުން އެމެރިކާގެ ނުފޫޒު ދިވެހި ސަރުކާރަށް އެކަމުގައި އެބައޮތް ކަމަށެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމަށް ރައީސް މުއިއްޒު ޚިޔާރުކުރައްވާފައިވަނީ ދިގު މަގު ކަމަށެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމަށް ގޮތެއް ނިންމަން އަލުން ކޮމިޓީއަށް ފޮނުވާފައިވާތާ 56 ދުވަސް ފަހަނަ އަޅާ ދިޔައިރުވެސް ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުން އެކަމާ މެދު އަދިވެސް ގޮތެއް ނުނިންމައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved