ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަދަދު އަދިވެސް އިތުރު ކުރަންވީކަމަށް ބުނެ ޕީއެންސީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވާހަކަ ދައްކަވާތީ އެކަމަށް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.
ޕީއެންއެފުން ހޯމަ ދުވަހުގެރޭ ބޭއްވި ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވަނީ ސަރުކާރުން ޚަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ނުފެންނާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައްޔިތުން ތިބި ނިކަމެތިކަންމަތީ ތިބެގެން އަނެއްކާވެސް ރައްޔިތުން ގުރުބާނީތަކެއް ވެގެން ކަރަދުކުޑަކުރަން ޖެހުމަކީ އަދި މިކަމުގައި ހައްލެއް ނޫންކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ތެރޭގައި ހުރި ބޭކާރު ހަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ތާއީދު ކުރައްވާ ކަމެއްކަމަށެވެ. ނަމަވެސް، ސަރުކާރަށް ނިސްބަތްވާ އެކި ބޭފުޅުން އެކި ތަންތަނުގައި ވާހަކަ ދައްކަވާއިރު އަދިވެސް ދައްކަވަނީ ސިޔާސީ މަގާމުތައް އިތުރުކުރާ ވާހަކަ ކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެގޮތަށް އުފައްދާ ސިޔާސީ މަގާމަކުން އާއިލާއެއްގެ ކަންކަން ހަމަޖެއްސުނު ކަމުގައިވިޔަސް، އޭނާއަށްދޭ ޓެކްސް ފައިސާއަކީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ހަރަދު ކުރެވިދާނެ ފައިސާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މިކަމުގެ މިސާލެއް ދައްކަވަމުން ރައީސް ޔާމީން ވަނީ ސްކޫލްތަކުގައި ހަރަދު ކުޑަކުރުމަށްކަމަށް ބުނެ ޕްރިންޓްކުރަން ބޭނުންވާ ކަރުދާސް ބެލެނިވެރިން ގެންގޮސްދޭން އެދެމުންދާކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އައްޑޫ ސިޓީއަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް އެ ފައިސާ ހަރަދު ކުރެވިދާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އިތުރު ކުރީމަ އިތުރުކުރާ އިތުރުކުރުމަކީ ސަރުކާރުގައި ހުރި ބޮޑެތި މަޝްރޫއުތަކަށް، އެއީ މާ ގިނަ ރައްޔިތުންތަކަށް އޭގެ ފައިދާ ލިބޭނެ މަޝްރޫއުތަކަށް ހޭދަކުރަން ހުރި ފައިސާކަމެއް މި ބޭކާރު ކުރެވެނީ މި ބޭފުޅުން ނުވިސްނާ.
ވަޒީފާ ދެމުން އިތުރުކުރަމުން ގެންދެވެނީ ގައުމުގެ ތަނަވަސްކަން ހުރެގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ގައުމުގެ އިގްތިސޯދު އޮތީ އެފަދަ ފުރިހަމަ ސިއްހަތެއް ނޫންކަން ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.