ދިވެހި ފުލުހުންގެ މުއައްސަސާއަކީ ކުރީގެ ރައީސް، އިބުރާޙިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އެމަނިކުފާޏު ކުޅެން ގެންގުޅުނު ފުށްގަނޑެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަަލް ފްރަންޓް (ޕީއެންއެފް) ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގއ.ވިލިނގިލި ދާއިރާއަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކެންޑިޑޭޓް އަލީ ޝާހު ވިދާޅުވެއްޖެއެވެ.
ޝާހު މިފަދައިން ވިދާޅުވީ، ޕީއެންއެފްގެ ފްރަންޓް އޮފީހުގައި ކުރިއަށް ގެންދާ ފޯރަމްގައި ވާހަކަދައްކަމުންނެވެ.
އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން ިމިދިޔަ ފަސްއަހަރުގައި ތަކުރާރުކޮށް ހަމަ އެކަނި ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ތަކެއް ކުރަމުން ދާތީ އެކަމާ ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހު ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތަކީ އޭރު ރައީސް އިބުރާހިމް ފުށްމޮޑެން ގެންގުޅުން އެއްޗެއް ކަމަށެވެ.
އެންމެ ކުޑަ ކުއްޖާއަށް ވެސް ސާފުވާ ކަމަކީ ފުލުހުންގެ މުއައްސަސާއަކީ އެއީ ނިމިދިޔަ އިބުރާޙިމްމުހައްމަދު ޞާލިހުގެ ސަރުކާރުގައި، އެއީ އޭނަ މޮޑޭ ފުށްގަނޑެއްގެ ގޮތުގައި ބޭނުން ކުރި ޕޫލްއެއް. އެތަނުގައި ސިޔާސީ ނުފޫޒު އޮތްކަން އެނގޭ ބައިވަރު ދަލީލުތައް އެބަ ހުރި.
އިތުރަށް އޭނާ ވަނީ ފުލުހުންގެ އިދާރާއަކީ ރައީސް އިބުރާހިމްގެ ސަރުކާރުގައި ސިޔާސީ ނުފޫޒު ފޯރުވާ ކަމުގެ އެތައް ކަމެއް ފެނިފައިވާކަން ހާމަކުރައްވާފައެވެ.
އެގޮތުން، އެމްއެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތުކުރެވޭ އެތައް ބަޔަކު ތިބި އިރު ހަމައެކަނި ރައީސް ޔާމީންގެ މައްޗަށް ދައުވާތައް އުފުލުމަކީ އެކަމުގެ އެއް ހެއްކެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު އެއްވެސް ފަރާތެއްގެ ބަޔާނެއް ވެސް ނަގައިފައިނުވާކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.
ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންއެފްެ ފަރާތުން ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކެންޑިޑޭޓުންނަށް ހާއްސަކުރައްވައިގެން ބާއްވާފައިވާ މި ފޯރަމްގައި ހުރިހާ ބޭފުޅުންވެސް ވަނީ މައިގަނޑު ކަމެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ދެމުންދާ އަނިޔާތަކާއި ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށް، އެމަނިކުފާޏު މިނިވަން ކުރުމަށް ގޮވާލައިފައެވެ.