

ރައީސް މުހައްމަދު މުއިއްޒުގެ މެސެޖެއް ލީކުނުކުރާކަމަށް ޕީއެންސީގެ މަޖިލިސް މެމްބަރުން ލައްވާ ހުވާކުރުވިކަން ހާމަވެއްޖެއެވެ.
މިކަމާ ގުޅިގެން "އަދަދު" ނޫހުގައިވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެ ޕާޓިގެ ޗެއަރ ޕާސަން ފައްޔަޒު އިސްމާއިލް ވަނީ ޕީއެންސީގެ މެމްބަރަކު ފޮނުވި މެސެޖެއް ލައިވްގައި ވިދާޅުވެފައެވެ. އެގޮތުން ފައްޔާޒު ވިދާޅުވެފައިވަނީ ޕިއެންސީ މަޖިލިސް މެމްބަރަކު ފޮނުވި އެ މެސެޖުގައި ބުނެފައިވަނީ ރަށްރަށުގައި ފަށައިގެން ކުރިއަށްގެންދާ ޕްރޮޖެކްޓުތައް ސަރުކާރުގެ މާލީ ހާލަތު މިވަގުތު ދަށްވަމުން ދާތީ އެ ޕްރޮޖެކްޓުތަކުގެ ވާހަކަ ނުދެއްކުމަށް ރައީސް މުއިއްޒު މެމްބަރުންނަށް އަންގާފައިވާ ކަމަށެވެ.
ފައްޔާޒު އެ ވާހަކަ ލައިވްގައި ވިދާޅުވުމާ އެކު ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އަދި އެ ބައްދަލުވުމަށް ދިޔަ މެމްބަރުން ލައްވާ ވަނީ ރައީސްގެ އެއްވެސް މެސެޖެއް ލީކު ކުރިނަމަ އަނތްބެއް ދަރިއެއް ނުހުންނާނެ ކަމަށް ބުނުވާ ހުވާކުރުވާފައެވެ. މެމްބަރުން ހުވާ ކުރީ ޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ކުރިމަތީގައި ކަމަށްވެސް ވެއެވެ. އެ ބައްދަލުވުމުގައި ސާޅީހަކަށް މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސްވެއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ސާފުކޮށްލުމަށް ތޭރަ އޮންލައިންއިން ޕީއެންސީގެ މަޖިލިސް މެމްބަރަކަށް ގުޅާލުމުން ނަން ހާމަނުކުރުމަށް އެދި ވިދާޅުވެފައިވަނީ އެއީ ހަގީގީ ވާހަކައެއް ކަމަށާ އަދި ފައްޔާޒު ވިދާޅުވި މެސެޖަކީ ރައީސް މުއިއްޒު ޕީއެންސީ ގުރޫޕަކަށް ފޮނުއްވި މެސެޖެއްކަން ވެސް އެ މެމްބަރުވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
މިފަދަ ކަމެއް ހިނގާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދުރޭ ވަނީ މަޖިލީހަކީ ރައީސް މުއިއްޒުގެ ވެރިކަން ދިފާއުކުރަން ޖެހޭ ތަނެއްކަމަށް ބުނެފައެވެ. އަދުރޭ ބުނެފައިވަނީ ޕީއެންސީގެ މެންބަރުން ރައްޔިތުން ހޮވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ހިމާޔަތް ކުރުމަށް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރަން ނެގި ވޯޓުގައި، ނައިބު ރައީސް ކަމަށް އިންތިހާބުވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމަށް ލިބިވަޑައިގެންނެވި ވޯޓަށް ވުރެ، މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އަށް ލިބިވަޑައިގެންނެވި ވޯޓު މަދުވުމުން، ވޯޓު ނުދެއްވާ މެންބަރު ހޯދުމަށް ވެސް ހުވާ ކުރައްވަން މަސައްކަތްކޮށްފައިވެއެވެ.