ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ވޯޓު ލައިގެން އެ ރައްޔިތުން ތަމްސީލް ކުރުމަށް ހޮވާ މެމްބަރުންތަކެއް ކަމީ އޭގައި އެއްވެސް ޝައްކެއް އަދި ވަސްވާހެއް ވެސް އޮތް ކަމެއް ނޫނެވެ.
ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް އަދި ރައްޔިތުން ތަމްސީލުކުރަން އިންތިޚާބު ކުރާ މެމްބަރުންތަކަކީ އެ އިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރުންތަކެއް ނޫނެވެ. މިކަން ނޭނގޭ މީހަކު ނޫޅޭނެ ކަން ޔަގީނެވެ. ނަމަވެސް މަޖިލީހުގެ ރައީސަށް މިއުޅެނީ މިކަން އޮޅިގެންނެވެ. އެމަނިކުފާނަށް ހަގީގަތުގައި ނޯޅޭ އެއްޗެއްް ނެތީއެވެ.
ދާދި ފަހުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި އަދުގެ މަޖިލިސް ރައީސް އަބްދުއްރަހީމް އުފް އަދުރޭ މި ވަނީ މެމްބަރުންތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ހާދިމުންގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ރައްޔިތުން ޕީއެންސީގެ މެމްބަރުނަ ހޮވީ ރައީސް މުއިއްޒުގެ ވެރިކަން ހިމާޔަތް ކުރުމަށް ކަމަށެވެ.
އަދުރޭ އަދިވެސް މިއުޅެނީ 60 ގެ އަހަރުތަކުގައި ކަން ޔަގީނެވެ. އެހެން ނޫނީ ދިވެހިރާއްޖޭގެ ފެހި ގާނޫނު އަސާސީން އެއްބާރު އަނެއްބާރާއި ވަކިކޮށްފައި އޮންނަ މައިގަނޑު ސަބަބު އެމަނިކުފާނަށް އެނގިލައްވާނެއެވެ. ރައްޔިތުންގެ މަޖިލީހުން ވެސް ސަރުކާރަށް ފާރަވެރިވާންޖެހޭކަމީ އަދުރޭ ދަންނަ ކަމަކަށް ނުވިއެވެ.
ރައްޔިތުން އެދެނީ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި, ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށާއި ރާއްޖޭގެ ތަރައްގީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މަޖިލީހަކަށް ވުމަށެވެ.
ރައްޔިތުން ވޯޓު ދީގެން ހޮވާ މެމްބަރުން ތަކަކީ ރައީސް މުއިއްޒު ދޭ ބައި ލައްކަ ރުފިޔާ އާއި މަޖިލިސް މެމްބަރުންނަށް ދޭ މުސާރަޔާއި އެލަވަންސް ނަގައިގެން ސަރުކާރުން ކުރާ ނޭދެވޭ ކަންކަމަށް ތަރުހީބު ދޭން މަޖިލިސް ތަޅުމުގައި ތިއްބަވަން ޖެހޭނެ ބައެއް ނޫނެވެ. އެޔަށްވުރެ ޒިންމާދާރުވެ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުމަށް ސަރުކާރަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހެޔެވެ.
ޒިންމާދާރު މަޖިލީހަކަށް ވާނީ އޭރުންނެވެ. އެހެން ނޫނީ އަދުރޭގެ ނަޒަރުގައި ތިއީ ހާދިމުން ހެން ހަގީގަތުގައި ވެސް ހާދިމުންނެވެ.
އަދުރޭއެވެ. މަޖިލިސް ރައީސްކަން ކުރައްވާ ފަރާތަކުން މަޖިލީހުގެ މެމްބަރުން ހައްލަމުން ދިޔުމަކީ އެދެވޭ ކަމެއް ނޫނެވެ. ދެން ވެސް އަވަހަށް އިސްލާހުވާށެވެ. ޕޯޑިއަމްތަކަށް އަރައި ތިމާމީހާގެ އަގު ވެއްޓުމުގެ ބޭނުމެއް ނެތެވެ.