ފަލަސްތީނުގެ ރައްޔިތުންނަށް މިހާ އިހާނާތްތެރިވި ދިވެހި ސަރުކާރެއް އަދި ނެތްކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޣައްޒާގެ ލީޑާރު އިސްމާއިލް ހަނިއްޔަ ޝަހީދުކޮށްލުމުން ވެސް ދިވެހި ސަރުކާރުން އެކަމާ މެދު އަމަލުކުރި ފިނި ގޮތަށް ފާޑުވިދާޅުވެއެވެ.
ފްރޮންޓް އޮފީހުގައި ކުރިއަށް ދިޔަ ޖަލްސާއެއް ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހަނިއްޔަ އަވަހާރަކޮށްލުމަކީ މި ސަރުކާރަށް މާބޮޑު ކަމަކަށް ނުވިކަން ނެރުނު ޗަސްބެއް ނެތް ބަޔާނުން ހާމަވާކަމަށެވެ. އެގޮތުން ދިވެހި ސަރުކާރުން އެކމުގައި ނެރުނު ބަޔާނުގައި އެކަން ކުރީ ނިރުބަވެރި ސަހްޔޫނީންނޭ ވެސް ބުނެލަން ނުކެރުނުކަން ފާހަގަކޮށް ރައީސް ޔާމީން ވަނި އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.
އަޅުގަޑުމެން އިސްލާމީ ވަހުދަތު ގަބޫލުކުރަން ޖެހެނީ ހަމައެކަނި ކުރާ ތަގުރީރުތަކުގައާ އަރަބި އިސްލާމީ ގައުމުތައް ކައިރިއަށް ސަލާން ޖަހަން ދާންވީމަ އެކަނި ނޫން. އަޅުގަޑުމެންނަށް މިލިބެމުންދާ އަނިޔާގައި، ފަލަސްތީނު މީހުންނަށް ލިބެމުންދާ އަނިޔާގައި ހުރިހާ ސަރުކާރުން އައީ އިންކްލޫޑީން އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް މިއަށް ވުރެ ސާބިތުކަމާ އެކީ ވާހަކަ ދައްކަމުން އައީ.
ރައީސް ޔާމީން ވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމުގައި ވެސް ސަރުކާރުން އަމަލުކުރަމުން ދާ ގޮތާމެދު ނުރުހުން ފާޅުކުރައްވާ އެކަމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެކަންކުރުމުގައި ސަރުކާރުގައި ހެޔޮ ނިޔަތެއް ނެތް ކަމަށާ އެކަމުގެ ހެއްކަކީ ރައިށްގެ ގަރާރަކުންވެސް އެކަން ކުރެވެން އޮއްވާ އެކަމުގައި ދިގު މަގު ޚިޔާރުކުރުން ކަމަށެވެ.