ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް ދެއްވަމުން ގެންދަވާ ބައި މިލިއަން ރުފިޔާގެ ރިޝްވަތު ހިފަމުން ގެންދަވާއިރު އެ މައްސަލަ އަމިއްލައަށް ތަހުގީގުކުރަން ހުށަހަޅަން އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހުއަށް ކެރިވަޑައިގަންނަވާނެތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީން ފަލާހުއަށް ސުވާލެއް އަމާޒުކުރައްވައިފިއެވެ.
ރައީސް ޔާމީން މިފަދައިން ސުވާލެއް އަމާޒުކުރައްވާފައިވަނީ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަަކފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީންގެ އެކައުންޓުގައި އެއް އަހަރު ދުވަހު މި ގައުމު ހިންގޭވަރަށް ފައިސާ އެބަހުރި ކަމަށާ އެއީ ކޮންތާކުން ލިބުނު ފައިސާއެއްތޯ އަހާ ފަލާހު ޕީއެންސީ ޖަގަހައިގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، މަޖިލިސް މެމްބަރުންނަށް ފައިސާ ތިމަން މަނިކުފާނު ދެއްވަނީ ކާކަށް ހޭ ރައީސް މުއިއްޒު ޕީޖީ ގްރޫޕުގެ ތެރޭގައި އެއްސެވުމުން އެ ފައިސާ ލިބުނުކަމަށް އެންމެ ފުރަތަމަ ވެސް އެއް ބަސްވަނީ ޕީޖީ ލީޑަރު ފަލާހު ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ އެކައުންޓުގައި ހުރި ފައިސާގެ ވާހަކަ ފަލާހު ދައްކަވާއިރު ފަލާހުއަށް ލިބޭ 50 ހާސް ރުފިޔާގެ މައްސަލަ ތަހުގީގުކުރަން ހުށަހަޅަން ކެރޭނެތޯ ރައީސް ޔާމީން އައްސަވާފައެވެ.
ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާއަކީ ފުލުހުންނާ ޝަރީއަތުގެ މަރުހަލާގައާ ތަހުގީގުކޮށް ބެލި ފައިސަލާ ކުރެވިފައި ހުރި އެއްޗެހި. ކީއްވެގެން ތޯ މިސާލުދައްކާ ކަމަށްވަންޏާ، ކެރޭނެތޯއޭ މި 50 ހާސް ރުފިޔާގެ މައްސަލަ ތަހުގީގުކޮށްލަން. އަމިއްލައަށް ފުލުހުންނަށް ހުށަހަޅަން ކެރޭނެތޯ
ރައީސް ޔާމީން ވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި އެމަނިކުފާނުގެ ތަހުގީގު ހިންގަން އުފައްދާ ރިޔާސީ ކޮމިޝަންގައި އިންވަން އަދުރޭ އަމިއްލައަށް ވިދާޅުވެފައިވާއިރު، އަދުރޭގެ މައްސަލަ ބަލާ ކޮމިޝަންގައި އެމަނިކުފާނު ބައިންދަވަން އަދުރޭ ވިދާޅުވުމުން އެކަމަށް ވެސް ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ކުރާ ތަހުގީގަކާ ކުރިމަތިލާން އަދުރޭއަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.