ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގަސްތުގައި ރާވައިގެން ވެރިކަން ހޯދަންވެގެން ރައީސް ޔާމީން ޖަލުގައި ބޭއްވީ މުއިއްޒު ކަމަށް އަބްދުއްރަހީމް (އަދުރޭ) އަށް ވިދާޅުވެވުނީ އެއީ ހަގީގަތަށް ވީމާ ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންއެފްގެ ފަރާތުން ސިލްސިލާކޮށް ދަ ފްރޮންޓް އޮފީހުގައި ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ އޮތް ޖަލްސާގައި ވާހަކަދައްކަވަމުންްނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ﷲ ކަންކަން މެދުވެރި ކުރައްވާ ގޮތުގެ ސިއްރުތަކެއް ހުންނަ ކަމަށާއި އަބްދުއްރަހީމްއަށް އޮޅިގެން ހަގީގަތް ވިދާޅުވެވުނީ އެފަދަ އިއްތިފާގަކުން ކަމަށެވެ.
އަބްދުއްރަހީމްގެ ވާހަކައިގައި ރައީސް ޔާމީން ޖަލުގައި ބޭއްވީ އަމިއްލައަށް ވެރިކަން ހޯދާށޭ، ހަމަ ސީދާ މުއިއްޒު ކުރި ކަމެކޭ އެ ބުނީ، އެ ބުނެވުނީ ހަމަ ރަނގަޅަށް އިނގޭތޯ، އެއީ ﷲ މެދުވެރި ކުރެއްވި ވަރުގަދަ އިއްތިފާގެއް، އޭނާގެ ދުލުން އެ ބުނެވުނީ، އޭނަގެ ދުލުން އެ ބުނީ
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނު ގެއަށް ބަދަލު ކުރީ ރައީސް މުއިއްޒު އެދިވަޑައިގަނެގެން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ ވެސް ހަގީގަތެއް ނޫންކަން އަބްދުއްރަހީމްގެ ވާހަކައިން ސާބިތުވެއްޖެ ކަމަށެވެ.
އަދި އޭގެއިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އިންތިހާބީ ރައީސްގެ ގޮތުގައި ރައީސް މުއިއްޒު ބައްދަލު ކުރެއްވިއިރު ރައީސް ޔާމީން އިންނެވީ ގޭ ބަންދަށް ބަދަލު ކުރަން ނިންމައި ލޯންޗަށް އަރުވާފައި ކަމަށް ވިދާޅުވިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ވެސް އަދި އަދުރޭ ވެސް އެމަނިކުފާނު މިނިވަން ކުރަން ބޭނުންނުވި ކަމަށެވެ.