ސަހްޔޫނީން ފަލަސްތީނުގެ ޣައްޒާގެ އަލް ތާބިން ސްކޫލަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން މަރާލުމުން ރާއްޖެއިން މިރޭ އެކަން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން އެކަން ކުށްވެރިކޮށްފައިވަނީ ނެރުނު ނޫސް ބަޔާނެއްގައިއެވެ.
އެ ބަޔާނުގައި ބުނީ އެތައް ބަޔަކު ހިޔާވެހިކަން ހޯދައިގެން ތިބި އެ ސްކޫލަށް ހަމަލާދީ މަރާލުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގި އަމަލެއް ކަމަށެވެ.
މީގެ އިތުރުން މި ހަމަލާތައް ހުއްޓުވައި، މައުސޫމު މީހުން ހަމަލާތަކުގެ ޝިކާރައިން ސަލާމަތްކޮށް، ފަލަސްތީނުގައި ސުލްހަ ގާއިމުކުރަން ބައިނަލްއަގްވާމީ ފަރާތްތަކަށް އެބަޔާނުގައި ގޮވާލާފައިވެއެވެ.
ރާއްޖެއިން ފަލަސްތީނަށް ހައްގުތައް ހޯދައިދީ، ދޭން ޖެހޭ އެއްބާރުލުން ދިނުމުގައި ދެމި އޮންނާނެ ކަމަށް ވެސް ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
މިފަދައިން ބަޔާނެއް ދިވެހި ސަރުކާރުން ނެރެފައިވާއިރު. ދިވެހީން ގެންދަނީ ސަހްޔޫނީން ފަލަސްތީނުގައި ނަސްލެއް ނައްތާލުމަށް ހިންގަމުން ގެންދާ ގަތުލްއާންމާ ދެކޮޅަށް ރާއްޖެއިން އެމީހުންގެ ޕާސްޕޯޓު ބޭން ކޮށް ރާއްޖެ ނޭރޭނެހެން ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
ނަމަވެސް ދިވެހި ސަރުކާރުން ގެންދަނީ އެކަން ނުކުރުމަށް ބަހަނާ ދައްކާ ދިގު މަގުގައި އެކަމުގައި ޚިޔާރުކޮށް ވަގުތު ދުއްވަމުންކަން ފާހަގަކޮށްލެވެއެވެ.