އޮކްޓޫބަރު މަހު 1 ދުވަހުން ފެށިގެން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް އާސަންދަ ހިދުމަތް ލިބޭނީ އެ އިންޝިއުރަންސަށް ކަނޑާފައި ބާކީ ބިލަށް އަރާވަރު ކަމަށް އާސަންދަ ހިންގާ އެޖެންސީ (އެންސްޕާ)އިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ހޯމަ ދުވަހު އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އާސަންދައިގެ ޕޮލިސީއަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހީނާ ވިދާޅުވީ އާސަންދަ ދޭ އުސޫލަށް އެ ބަދަލު ގެންނަނީ ޑަބަލް އިންޝުއަރެންސަށް ކުރާ ހަރަދު ކުޑަކުރަން ކަމަށެވެ. އަދި އެގޮތަށް އުސޫލު ބަދަލުކުރުމުން ދެން އާސަންދަ ކަވާ ކުރާނީ އަމިއްލަ އިންޝްއަރެންސުން ކަވާކުރުމަށް ފަހު ބާކީ އޮންނަ އަދަދަަށް ކަމަށެވެ.
ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން މިފަދަ ކަންކަން ނިންމެވި ނަމަވެސް ހަރަދު ކުޑަކުރުމަށް ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބަވާ ފަރާތްތައް މަދު ކުރަމުންދާ މަންޒަރު ނުފެންނާތީ ގިނަ ބައެއްގެ ހިތްހަމަނުޖެހުން ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.