ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ފެށި "އިންޑިއާ އައުޓު" ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ދަ ފްރޮންޓު އޮފީހުގައި އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސަރުކާރުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކަށް އަރައިގަތުމަށް މަސައްކަތްކުރަމުން ދާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އިންޑިއާ އާއިއެކު ކުރީ ސަރުކާރުންވެފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހިތަދޫ މެދު ދާއިރާ މެމްބަރު އަހުމަދު އަޒާން ހުށަހެޅުމުން ދެން ކަންވެގެން ދިޔަ ގޮތް ހުރިހާ ރައްޔިތުންނަށްވެސް ފެންނާނެ ކަމަށެވެ.
އޭގެ ފަހުން ރައީސް މުހައްމަދު މުއިއްޒު، އިންޑިއާ އައުޓު ހަރަކާތްވެސް ނުހިންގޭނެ ކަމަށް ވިދާޅުވިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އެ ހަރަކާތް ނުހުއްޓެވޭނެ ކަމަށާ އެއީ ކުރިއަށްދާނެ ހަރަކާތެއް ކަމަށް ވެސް ވިދާޅުވެފައެވެ.
މިހާރު މިއިވޭ ވާހަކައަކީ އެއްވެސް ގޮތަކަށް އިންޑިއާ އައުޓު ހަރަކާތްކުރިއަށް ނުގެންދެވޭނެ ވާހަކަ. ހަމަނުޖެހުން ހިންގަން ޖާގަ ނުދޭނަމޭ. ނޫން އެކަން ހިނގާނެ ދިވެހިރާއްޖޭގައި. އެއީ ހުއްޓިފައި އޮތްކަމެއް ނޫން. ހައްޔަރުކުރަންޏާ ހައްޔަރު ކުރަންވީ. އެއީ ރައްޔިތުންނަށް ލިބިފައިވާ އޮތް އަސާސީ ހައްގެއް. ރައްޔިތުން ހިތްހަމަ ނުެޖހޭ ބޮޑެތި ކަންކަން ހުރިއްޔާ އަޑު އުފުލާނެ.
ރައީސް ޔާމީން ވަނީ ސަރުކާރުން މުއައްސަސާތަަކށް ބިރު ދައްކާ މަޖިޅިހުގެ ސުޕަރ މެޖޯރިޓީގެ ބޭނުން ނަހމަ ގޮތުގައި ހިފަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ޔާމީން ވަނީ ޕީއެންސީ ޖަގަހައިގައި ދައްކަމުން ގެންދާ ވާހަކަތައް ވެސް ނަޒަރު ހިންގަވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ނޫޖަގަހައިގައި ޒާތީވެ އަބުރު ކަތިލިޔަސް ޕީއެންއެފުން ދައްކާ ވާހަކަތަކަށް ސަރުކާރަށް ޖަވާބުދާރިއެއް ނުވެވޭކަމަށް ވިދާޅުވެފައެވެ.