އިންޑިއާގެ މުޒާހަރާ ތެރެއިން / އިންޑިއަން އެކްސްޕްރެސް
ހަބަރު
އިންޑިއާގައި ރޭޕްކޮށް މަރާލި ޑޮކްޓަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އެތައް ހާސް މީހުން މުޒާހަރާ ކޮށްފި
Aminath Zara
އައިމިނަތު ޒާރާ
18 އޯގަސްޓު 2024
މާލެ ސިޓީ

ވޭތުވެދިޔަ ހަފްތާގައި އިންޑިއާގެ ސަރުކާރު ހޮސްޕިޓަލެއްގައި ޓްރެއިނީ ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން އެ އަނިޔާވެރި އަމަލު ކުށްވެރިކޮށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އެ ގައުމުގައި ބޮޑު މުޒާހަރާ އެއް ކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި 100 ށް ވުރެ ގިނަ ސަރަހައްދުގައި "ރިކްލެއިމް ދަ ނައިޓް" ގެ ނަމުގައި ބުދަ ދުވަހުގެ ރޭ ފެށި މުޒާހަރާ، މިއަހަރުގެ އިންޑިއާގެ މިނިވަން ދުވަސް ކަމަށްވާ ބުރާސްފަތި ދުވަސް ފެށިގެން އައި އިރުވެސް ދިޔައީ ކުރިއަށެވެ.

މިދިޔަ ހުކުރު ދުވަހު އާރް.ޖީ. ކާރ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް ގައި އުމުރުން 31 އަހަރުގެ ޓްރޭނީ ޑޮކްޓަރަކު ރޭޕް ކޮށް މަރާލި ހަދިސާ އާއެކު މުޒާހަރާ ތައް އިންޑިއާގައި ހިނގަމުންދާތާ ގާތްގަނޑަކަށް ހަފްތާއެއް މިހާރު ވަނީ ވެފައެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ބުދަ ދުވަހުގެ ރޭ އޮތް މުޒާހަރާގައި ޝުއޫރު ފާޅު ކުރި މީހުން މި އަނިޔާވެރި ހަމަލާ ކުށްވެރި ކުރަމުން ގޮވަމުން ދިޔައީ އަންހެނުންނަށް ދެވޭ މިފަދަ އަނިޔާވެރި ހަމަލާތަކުން އަންހެނުންނަށް ރައްކައުތެރިކަން ހޯދައިދިނުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަށެވެ.

ބުދަ ދުވަހުގެ ރޭގެ މުޒާހަރާ މައިގަނޑުގޮތެއްގައި ސުލްހަވެރިކޮށް ދިޔަ ނަމަވެސް ބައެއް ކުރިމަތިލުންތައް ހިނގާ ހަމަނުޖެހުން އުފައްދަން އުޅުނު މީހުންނާ ދިމާލަށް ފުލުހުން ކަރުނަ ގޭސް ޖަހާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައެއް މީހުން ވަނީ އާރ ޖީ ކާރ ހޮސްޕިޓަލަށް ވަދެ އެތަނުގެ އިމަޖެންސީ ޑިޕާޓްމަންޓަށް ގެއްލުން ދީފައެވެ.

މި ހާދިސާ ގައި މަރާލީ އަންހެން މީހާއަށް އިންސާފު ހޯދަދިނުމަށް ގޮވާލާ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ޑޮކްޓަރުން އިހްތިޖާޖު ކުރަމުން ގެންދާތީ އިމަރޖެންސީ ޚިދުމަތް ނޫން އެހެން ޚިދުމަތްތައް ސަރުކާރު ހޮސްޕިޓަލުތަކުން ވަނީ މެދުކަނޑާލާފައެވެ.

ރޭޕް އާ މަރުގެ ހާދިސާ ހިނގީ ރިޕޯޓްތައް ބުނާ ގޮތުގައި، އެ އަންހެންމީހާ 36 ގަޑީއިރުގެ ޝިފްޓް އަކަށް ފަހު ވަރުބަލިވެގެން އައިސް މެޑިކަލް ކޮލެޖްގެ ސެމިނާރ ޔޫމްގައި ޖައްސާލިތަނުން އޭނާ އަށް ނިދިފައި އޮއްވައެއް. އެ ހޮސްޕިޓަލަކީ އަރާމު ކޮށްލަން ވަކި ޚާއްސަތަނެއް ކަނޑައަޅާފައި ހުންނަ ތަނެއް ނޫން ކަމަށްވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހޮސްޕިޓަލުގެ ވޮލަންޓިއަރ މުވައްޒަފަކު ވަނީ ހައްޔަރުކުރެވިފައެވެ.

އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ ގެ ތަފާސް ހިސާބުގެ މައްޗަށް ބަލާއިރު 2022 ވަނަ އަހަރު އޭގެ ކުރީ އަހަރާ އަޅާ ކިޔާއިރު އަންހެނުންނަށް ދޭ އަނިޔާތައް 4 އިން ސައްތަ އިންޑިއާ ގައި ވަނީ މައްޗަށް ގޮސްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved