ހުކުރު ޚުތުބާ / އިސްލާމިކް މިނިސްޓްރީ
ހަބަރު
މުއުމިނުން ވާން ޖެހޭނީ ސިއްރާއި ފާޅުގައި ކުރާ އަމަލުތައް ލިޔުއްވާނެކަން ދަންނަ ބަޔަކަށް: ހުކުރު ޚުތުބާ
Aminath Zara
އައިމިނަތު ޒާރާ
23 އޯގަސްޓު 2024
މާލެ ސިޓީ

މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށާއި މަލާއިކަތުންނަށް އީމާންވާންޖެހޭނީ ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ގޮތަށް ކަމަށް މިއަދުގެ ޚުތުބާގައި ގޮވާލާފިއެވެ.

މިއަދުގެ ހުކުރުު ޚުތުބާ ހާއްސަ ކުރެވިފައިވަނީ މަލާއިކަތުންނަށް އީމާންވުމުގެ މައްޗަށެވެ.

މިގޮތުން، މުއުމިނުން ވާން ޖެހޭނީ ސިއްރާއި ފާޅުގައި ކުރާ އަމަލުތައް ލިޔުއްވުމަށް، ކޮންމެ މީހަކާ އެކު اللَّه މަލާއިކަތުން ލައްވާފައިވާކަން ދަނެ، އަމަލުތައް ސީދާކޮށް اللَّه އަށް ތަގުވާވެރިވާ ބަޔަކަށް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

މާތްﷲގެ އިޒުނަފުޅާއެކު އިންސާނުންގެ ސިފައިގައިވެސް މަލާއިކަތުން ފެނުން އެކަށީގެންވާ ކަމަށާއި ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ޢަޒާބު ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ އަރިހަށް ފޮނުއްވެވި މަލާއިކަތުން ވަޑައިގަތީ ޒުވާން ފިރިހެނުންގެ ސިފައިގައި ކަމަށް ހުކުރު ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ޚުތުބާގައި ވިދާޅުވި ގޮތުގައި ބައެއް މީހުންނަށް ﷲ ލަޢުނަތްލެއްވި އިބިލީހާ މެދު އިންސާނުންނަށް ވަނީ ކުށްހީއެކެވެ. އެއީ އިބިލީހަކީ މަލާއިކަތެއް ކަމުގައި ހީކުރާ ހީކުރުންކަން ޚުތުބާގައި ބަޔާންކުރެވުނެވެ.

މަލާއިކަތުންނަކީ މާތްاللَّهއަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބަޔެކެވެ. މަލާއިކަތުންގެ ޢަދަދު މާތްاللَّه ފިޔަވައި އެއްވެސް މަޚުލޫޤަކަށް ނޭނގޭނެއެވެ.

ކާފިރުންގެ ތެރޭގައި މަލާއިކަތުންނާމެދު ނުބައި ޤަބޫލުކުރުންތަކެއް ފެތުރިފައިވާކަން ޚުތުބާގައި ފާހަގަކުރެވުނެވެ. އޭގެތެރޭގައި މަލާއިކަތުންނަކީ އަންހެން ޖިންސުގެ ބައެއްކަމަށާއި، ﷲ ގެ އަންހެން ދަރިންކަމަށް ޔަހޫދީންނާއި މުޝްރިކުން ދެކޭކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

މަލާއިކަތުންނަށް ކެއުންބުއިމާއި، ނިދުމާއި އަރާމުކުރުން ފަދަ ކަންކަމަށް ބޭނުމެއް ނުވާނެކަމަށާއި، އެބައިމީހުން ﷲ އަށް ނުއުރެދޭނެކަމަށް ޚުތުބާގައި ވިދާޅުވިއެވެ. މާތްﷲ އެންގެވި ކަމެއް މަލާއިކަތުން ކުރައްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved