ބަންކަރިންގެ ޚިދުމަތް ފަށަން އަނެއްކާވެސް އައު ތާރީޚެއް ސަރުކާރުން އިއުލާންކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ހިމެނޭ ގޮތަށް މެރިޓައިމް އަދި އޯޕީއެލް (އޮފް ޕޯޓް ލިމިޓްސް) ސާވިސަސް ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަ މަހުގައި ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސައީދު ވަނީ ބަންކަރިންގެ ޚިދުމަތް ފަށަން ގިނަ ތާރީހުތަކެއް ދެވި އެކަން ނުފެށިވާކަމަށްވެސް އިއުތިރާފުވެވަޑައިގެންފައެވެ. އަދި އަންނަ މަހުގެ 12 ވަނަ ދުވަހު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއުލާންކުރެއްވީ، ޗައިނާ އާއި ރާއްޖެ އާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރަން މި މަހުގެ 6 ގައި ބޭއްވި "މޯލްޑިވްސް-ސެޗުއަން ޓްރޭޑް އެންޑް އިންވެސްޓްމެންޓް ކޯޕަރޭޝަން ކޮންފަރެންސް" ގައިކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މިނިސްޓަރ ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތް ފެށުމަކީ މެރިޓައިމް ސިނާއަތް ފުޅާކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ފުރަތަމަ މަސައްކަތް ކަމަށާއި ބަންކަރިން ހިދުމަތް މި އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ފެށިގެން ދާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބަންކަރިންގެ ހިދުމަތް ދެތިން ހަފުތާތެރޭގައި ފެށޭނެ ކަމަށް ފެބްރުއަރީ މަހު ވެސް މިނިސްޓަރ ސައީދު ވަނީ ވިދާޅުވެފައެވެ.
އޭގެފަހުން ދެން މިނިސްޓަރ ސައީދު ވިދާޅުވީ ޖުލައި މަހުގައި ބަންކަރިންގެ ހިދުމަތް ފެށޭނެ ކަމަށެވެ.
އެ މަހުވެސް ނުފެށުމުން، އެންމެ ފަހުން ވިދާޅުވީ އޮގަސްޓު 22 ގައި ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށެވެ. ނަމަވެސް އެ ތާރީޚަށް ވެސް ބަންކަރިންއަށް ބޭނުންވާ އުޅަނދުތައް ރާއްޖެ ގެނެވިފައި ސަރުކާރަށް ނުވެއެެވެ.