ރާއްޖޭގައި އިންސާފު އޮތް މިންވަރު، ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް ކުރި ފަނޑިޔާރުން ތިބި މަގާމުން ހާމަވެގެން ދާކަމަށް ޕީއެންއެފް ޓިކެޓުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ހަލީމަތު ޒުހެއިރާ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް މިހަރު ގެންދަނީ ޖަލްސާތަކެއް ބާއްވަމުންނެވެ.
އެ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ހަލީމަތު ހާމަކުރީ، ރައީސް ޔާމީންއާ މެދު ސިޔާސީ ވެރިން ޖެހިލުންވާ ބޭފުޅެއް ކަމަށާ އޭގެ އެއް ސަބަބަކީ އެމަނިކުފާނަކީ ވިދާޅުވާ ބަސްފުޅުގައި އިތުބާރު ހިފަހައްޓަވާ ބޭފުޅަކަށްވުމުން ކަމަށެވެ.
ރައީސް ޔާމީން ރައްޔިތުންނަށް ވައުދެއް ވެއްޖެ ނަމަ އެ ވައުދެއް ފުއްދަވާނެ ކަން ހުރިހާ ސިޔާސީ ފަރާތްތަކަށް ގަބޫލުކުރެވޭ ކަމަށާ އެހެންކަމުން ރައީސް ޔާމީން މިނިވަންކަން މަތީ ހުރެގެން ގައުމު ވިއްކާ ހުސް ނުކުރެވޭނެ ކަމަށްވާތީ ރައީސް ޔާމީން ގައިދުކޮށްގެން ނޫނީ ސިޔާސީ ފަރާތްތަކަށް ކުރިއަށް ނުދެވޭނެކަން އެމީހުންނަށް ޔަގީންކުރެވޭ ކަމަށް ހަލީމާތުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީންއަކީ ރައްޔިތުން ނަގާ ކޮޅަށް ޖަހާ ކަންކަން ފަހިކޮށްދެއްވި ވެރިއެއް. އެމަނިކުފާނާ މެދު ޖެހިލުންވާ މިންވަރު ކޮށްފައިވާ ނުހައްގު ހުކުމްތަކުން ހާމަވެގެން ދޭ. އަދި އިންސާފު ގައުމުގައި އޮތް މިންވަރު އެ ހުކުމްތައް ޖެހި ފަނޑިޔާރުންނަށް ލިބުނު ހަދިޔާތަލުން ހާމަވޭ
ހަލީމަތު ވަނީ މަޖިލީހަށް އޭނާ ކުރިމަތިލާން ނިންމި ސަބަބު ހާމަކުރައްވާފައެވެ. އެގޮތުން މަޖިލީހަށް ކުރިމަތިލާން ނިންމީ މަޖިލިހަކީ ވެރިކަން ހިންގުމުގެ ބާރަށް ފާރަވެރިވާން އޮތް ތަން ކަމަށް ވުމުންކަމަށް ހަލީމަތު ހާމަކުރިއެވެ.