ރާއްޖޭގެ އިގްތިސޯދު މިހާރު ވެއްޓިފައި އޮތް އިގްތިސޯދީ ކާރިސާއިން އަރައިގަނެވޭނެ ގޮތް 20 ސިކުންތު ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެދެއްވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވަނީ ގައުމު އޮތް ހާލަތު އޮޅުވާލަން ސަރުކާރުން މަސައްކަތްކުރަމުން އަދިވެސް ދާތީ ކަންބޮޑުވުން ތަކުރާރުކޮށް ފާޅުކުރައްވާފައެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ފެހި ސިގްނަލް ދެމުން އައި މީހުންގެ ސަބަބުން ރައްޔިތުން މިހާރު ވަނީ ރަތް ސިގްނަލަށް ވެއްޓިފައިކަމަށެވެ. އެެގޮތުން މިހާރު ސަލާމުގެ ނާށީގަނޑު ހިފައިގެން އަބަދު އެނބުރެނީ އިންޑިއާ ވަށާކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރަމަށް ނުވަތަ ނުފޮރާ ފޮތިން ގަޅާ ފޫ ރަގަޅުކުރުމަށް، އިންޑިއާއިން އެހީ ލިބޭކަމަށް ވަނީ ނަމަ އިންޑިއާއިން އެ އެހީ ނެގުން އެންމެ ރަގަޅު ކަމަށެވެ. އަދި އެމަނިކުފާނުގެ މައްސަލައަކީ އިންޑިއާއިން އެހީ ނެގުން ނޫން ކަމަށާ އަބަދުވެސް އެމަނިކުފާނުގެ މައްސަލައަކަށްވަނީ އިންޑިއާ އަސްކަރިއްޔާ މި ގައުމުގައި ތިބުން ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ މިހާރު އޮތް އިގްތިސޯދީ ކާރިސާއިން ރާއްޖެއަށް އިންޑިއާގެ އެހީތެރިކަމާ އެކު އަރައިގަނެވިދާނެކަމަށް ވިދާޅުވެ އެ ފޯމިއުލާވެސް ވިދާޅުވެ ދެއްވާފައެވެ.
އިންޑިއާ އަޅުގަޑުމެން ދެކެ އެހާ ލޯބި ވަންޏާ، އަޅުގަޑުމެންނަށް އެހާ އިޚްލާސްތެރި ބައެއް ކަމުގައި ވަންޏާ، ބޭރުގެ ދަރަނި އޮތް ދެ ގައުމުގެ ތެރެއިން އިންޑިއާގެ ދަރަނި ލުއި ގޮތަކަށް ހަމަޖައްސަ ދޭން ޖެހޭނެ. މި ސަރުކާރުން އެދެންވީ އިންޑިއާއަށް އަޅުގަޑުމެންގެ އޮތް ދަރަނީގެ 75 އިން ސައްތަ، ހަތަރު ބައިކޮށްފަ ތިން ބައި މައާފްކޮށްދީ، މައާފުކޮށްފައި އަނެއް 25 ޕަސެންޓު ދިގު މުއްދަތަކަށް ދަންމާލައިގެން އަޅުގަޑުމެންނަށް ދެއްކޭނެ ގޮތަކަށް ރީ-ސްޓްރަކްޗަރ ކޮށްދީ. އެއީ އިންޑިއާއަށް ކޮށްދެވޭނެވަރުގެ ކަމެއް. ސިލޯނަށް ދިމާވި މި ފަދަ ހާލަތުގައި އިންޑިއާއިން ވަނީ 4 ބިލިަން ޑޮލަރުގެ އެހީ ދީފައި.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެހެންކަމުން އިންޑިއާ ބުނާ ފަދައިން އެހާ ގާތް ބަޔަކަށް ރާއްޖެ ވަނީނަމަ ރައީސް މުއިއްޒު މިފަދައިން ދިވެހި ރައްޔިތުންގެ ފަރާތުން އިންޑިއާ ސަރުކާރުގައި އެދި، އަދި އެކަން ރައްޔިތުންނަށް ހާމަކުރަން ވެސް ޖެހޭނެ ކަމަށެވެ.