ސިންގަޕޫރަށް ވަޑައިގެން ޝޮޕިންގ މޯލްއެއްގައި ވިޔަފާރި ކުރައްވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފޮޓޯއެއް ނެގި މީހާގެ ފޯނު ހިފެހެއްޓި މައްސަލައިގައި ކުރި ސުވާލަށް އިކޮނޮމިކް މިނިސްޓަރ ސައީދަށް ޖަވާބު ނުދެވުނުތާ ހޯމް މިނިސްޓަރ އަލީ އިހުސާނަށް ޖަވާބު ދިނުމަށް ފުރުސަތުވެސް ދެއްވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ރައީސް އޮފީހުގައި އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ފުރުސަތު ދީފައިވަނީ ކެބިނެޓުގެ ނިންމެވުމާއި ގުޅޭ ސުވާލުގެ އިތުރުން ނޫސްވެރިން ބޭނުންވާ އެހެންކަމަކާއި ގުޅޭ އެއް ސުވާލެއް ކުރެވޭ ގޮތަށެވެ.
އެހެންކަމުން ނޫސްވެރިއެއް ވަނީ ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯއެއް ނެގި މައްސަލައިގައި އާންމު މީހެއްގެ ފޯނު ހިފަހައްޓާފައި ވަނީ އެ ފޮޓޯގެ ސަބަބުން ރައީސްގެ ސެކިއުރިޓީ ކޮމްޕްރަމައިޒްވި ކަމަށް ބުނާއިރު މީގެ ދުވަސްކޮޅެއް ކުރިން ރައީސް އޮފީހުގެ ސިޔާސީ މުވައްޒަފަކު ރައީސް އާންމުތަނެއްގައި އިންނަވަނިކޮށް ފޮޓޯ ނަގާ އެކްސްގައި ޕޯސްޓް ކުރެއްވި މަންޒަރު ފެނިފައިވާކަމަށް އެ ނޫސްވެރިޔާ ވަނީ ބުނެފައެވެ.
އެހެންކަމުން ރައީސް އޮފީހުގެ ސިޔާސީ މުވައްޒަފަކު އެކަންކުރެއްވި އިރު ރައީސްގެ ސެކިއުރިޓީ ކޮމްޕްރަމައިޒް ނުވާއިރު އާންމުންގެ ތެރެއިން ބޭފުޅަކު އެކަން ކުރީމަ ކޮމްޕްރަމައިޒް ވީ ކިހިނަކުންތޯ އަހާފައެވެ.
އަދި ކުރިއަށް އޮތްތަނުގައި ވެސް ރައީސް އާންމުތަނެއްގައި ހުންނަވަނިކޮށް މީހަކު ފޮޓޯއެއް ނަގައިފިނަމަ ކަންތައް ކުރެވިގެންދާނީ އެފަދައިންތޯ އެ ނޫސްވެރިޔާ ވަނީ އަހާފައެވެ.
ސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ސައީދު ވަނީ މައުޟޫޢު ބަދަލުކުރައްވާ ނޫސްވެރިންގެ ބައްދަލުވުމަކީ ކެބިނެޓުގެ ނިންމެވުމަކާއި ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް ވިދާޅުވެފައެވެ.