ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް ރާއްޖޭގައި ހުންނަވާ ސަފީރެއްގެ ގެކޮޅު ކުރިމަތީ އަޑު އުފުލަމުން އައި ދެ އަންހެނުންނާ މިހާތަނަށް ސުވާލެއްވެސް ކޮށްނުލާ ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.
ޑރ އިޔާޒް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެެއްވި ޕޯސްޓެއްގަ އެވެ.
އިޔާޒް ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި ތިބެގެން ހައްޔަރުކުރި ދެ އަންހެނުން ބަންދުގައި ތިބޭތާ ހަތަރު ދުވަސްވީ ކަމަށާއި އެ މީހުން ތަހުގީގަށް ބަންދު ކުރި ނަމަވެސް މިހާތަނަށް އެންމެ ސުވާލެއް ވެސްކޮށްނުލާ ކަމަށެވެ.
އެ ދެ އަންހެނުން ތިބީ ރަހީނުކޮށްފައި ކަމަށް ވެސް އިޔާޒް ވަނީ ސިފަ ކުރައްވާ އެ ދެ އަންހެނުން ދޫކޮށްލަން ބައިނަލްއަގުވާމީ ފަރާތްތަކުން ޕްރެޝަރު ކުރުމަށް ގޮވާލާފައެވެ.
އެ ދެ އަންހެނުން ހައްޔަރުކުރި މައްސަލައިގައި ފުލުހުން ބުނީ އެ ދެ މީހުން ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށްފައިވާ ކަމަށެވެ.