

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އާ ގިނަ އަދަދެއްގެ މެމްބަރުން ގުޅިއްޖެއެވެ.
ޕީއެންއެފްގެ ފަރާތުން މަޖިލީހަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުން ގެންދާ ކެންޑިޑޭޓުން ތަޢާރަފުކުރުމަށް ބާއްވަމުން ގެންދާ ސިލްސިލާގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރާއްޖޭގެ އެކި ހިސާބުތަކުން ވަނި 600 އަށް ވުރެ ގިނަ މެމްބަރުން ޕީއެންއެފާ ގުޅިފައެވެ.
އެގޮތުން މައްޗަންގޯޅީ އުތުރު ދާއިރާއިންނާ ހުޅުމާލޭ ދެކުނު ދާއިރާގެ އިތުރުން އުނގޫފާރު ދާއިރާއިންނާ އަދި ހުޅުމާލޭ މެދު ދާއިރާއިންވެސް ގިނަ ބަޔަކު ވަނީ ގުޅިފައެވެ. މި ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ ރައީސް ޔާމީންއެވެ.
މީގެ އިތުރުން ވަކި ވަކި ފަރުދުންވެސް ވަނީ އެ މެމްބަރުންގެ ފޯމުތައް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ގިނަ ޒުވާނުން ހިމެނެއެވެ.
ޕީއެންއެފާ އަލަށް ގުޅެމުން ގިނަ އަދަދެއް މެމްބަރުން ގެންދާއިރު ރައީސް ޔާމީންގެ ފިކުރަކީ މި ގައުމަށް އެންމެ ފައިދާހުރި ފިކުރުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެކަން ތާރީހުން ފެންނަން އެބައޮތް ކަމަށާ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއަކީ އެކަމުގެ ހެކި ކަމަށް ވެސް ދަނީ ބުނަމުންނެވެ.
ރައީސް ޔާމީން ޕީޕީއެމުން ނިކުމެ ވަޑައިގެން، އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވާފައިވަނީ، ޕީޕީއެމްގެ ރައީސްގެ ގޮތުގައި އެމަނިކުފާނު ހުންނެވި ނަމަވެސް، ޕާޓީ ހިންގެވުމަށް އެމަނިކުފާނަށް ތަފާތު ފިއްތުންތައް ކުރިމަތިވުމުގެ ސަބަބުންނާއި، ޕާޓީގެ ލީޑަޝިޕުން ރައީސް ޔާމިނަށް ދުރަށް ޖެހިވަޑައިގެން، ޕާޓީ ހިންގުމަށް ފުރުސަތު ނުދެއްވުމާއި ގުޅިގެންނެވެ.
އެމަނިކުފާނު އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ ޕީއެންއެފް ވެގެންދާނީ ހުރިހާ ގޮތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ދިފާއުކޮށް ހިމާޔަތްކުރާނެ ޕާޓީއަކަށް ކަމަށާއި، ޕާޓީގެ މަގްސަދަކީ، މިނިވަންކަމާއި އެކު ރައީސް ޔާމީނުގެ ފިކުރު ކުރިއަރުވާ ސަރުކާރަށް އެއްބާރުލުން ދިނުންކަމަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.