އިންސާނާ މަރުވުމުގެ ކުރިން އެކަމަށް ތައުބާނުވާނަމަ އެމީހެއްގެ ނުފުއްސަވާނެ ފާފައަކީ މާތްﷲ އަށް ޝަރީކުކުރުން ކަމަށް ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ޝިރުކަކީ ހަމައެކަނި ބުދަށް އަޅުކަން ކުރުން ނުވަތަ އެހެން ފަރާތަކަށް ސަޖިދަ ޖެހުމެއް ނޫން ކަމަށާއި އިންސާނާއަށް ނޭގި ނަމަވެސް ޝިރުކު ކުރެވޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ޚުތުބާގައި ވިދާޅުވީ، ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތީ ޝިރުކުގެ އަމަލުތައް އިންތިހާއަށް ގޮސްފައިވާ ދުވަސްވަރެއްގައި ކަމަށާއި އިންސާނުން އަމިއްލަ އަތުން ހަދާފައިވާ ބުދުތަކަށްވެސް އަޅުކަންކުރަމުން ދިޔަ ދުވަސްވަރެއްގައި ކަމަށެވެ.
ހެޔޮނުބައި ވަކިކޮށް ދެނެގަތުމަށްޓަކައި އިންސާނާއަށް ދެއްވާފައިވާ ސިކުނޑީގެ ބޭނުން އޭރު ކުރަމުންދިޔައީ ސިކުނޑި ދެއްވައިފައި ނުވާ، އެތައް ދަރަޖައެއް ދަށް، ޙައިވާނުންނެކޭ އެއްފަދައިން ކަމަށް ވަނީ ވިދާޅުވެފައެވެ.
މާތް ﷲ ހައްދަވައިފައިވާ މަޚުލޫޤުންކުރެ، އިންސާނާ ކުރާ އެންމެ ބޮޑު ފާފައަކީ އެ އިންސާނާ ހައްދަވައި ބޮޑުކުރައްވައި އޭނާއަށް ބޭނުންވާ އެންމެހައި ކަމެއް ފުރިހަމަ ކޮށްދެއްވި ފަރާތަށް ޝަރީކު ކުރުމެވެ. ނުވަތަ އެކަލާނގެއާ، އެކަލާނގެ މަޚުލޫޤުންނާ ހަމަހަމަކުރުމެވެ. ނުވަތަ އަޅުކަމުގައި ބައިވެރިކުރުމެވެ. ހުރިހާ ރަސޫލު ބޭކަލުން ގޮވާލެއްވީ އެކަލާނގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށާއި، އެކަލާނގެއަށް ޝަރީކު ނުކުރުމަށެވެ.
އެހެންނަމަވެސް އެކި ގޮތްގޮތުން ﷲ އަށް ޝަރީކު ކުރާ މީހުން މަދު ނޫން ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.
މުސްލިމުން ކަންތައްކުރަންވާ ގޮތް ދީނުގައި ވަރަށް ފުރިހަމައަށް ބަޔާންކުރައްވައި އަންގަވައިފައިވެއެވެ. މުސްލިމުން އެކި ފަރާތްތައް މާތްކުރާން ވާނީ މާތްވެގެންވާ އިސްލާމް ދީނުގައި ހުއްދަކުރައްވައިފައިވާ މިންވަރަށެވެ. ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ޙަދީޘްތަކާ ޚިލާފުވާ ގޮތަކަށް އެކި ފަރާތްތައް މާތްކުރުމަކީ ޝިރުކުކުރުމަށް މަގުފަހިވެދާނެ ކަމެކެވެ. އެހެންކަމުން ހެޔޮ ޢަމަލު ކުރުމުގެ ނަމުގައި އެ ފަދަ ވިޔާނުދާ ޢަމަލުތަކަށް އަރައިނުގަތުމަށް ތިޔަ އެންމެ ތަކުންނަށް ނަސޭޙަތްތެރިވެ ޚުތުބާގައި ވަސިއްޔަތް ކުރެވުނެވެ.