އާރާ ބާރާ ޝާނާ ޝައުކަތާ އިއްޒަތާ ޝަރަފު މިއީ މާތް ރަސްކަލާނގެ އެކަލާނގެ އަޅުތަކުންނަށް މިންވަރު ކުރައްވާ އިމްތިހާނީ ނިއުމަތްތަކެވެ. އެ އާރާ ބާރާ ޝާނާ ޝައުކަތާ އިއްޒަތާ ޝަރަފްވެސް އިސާހިތަކު ނިގުޅައިގަތުމުގެ ބާރުވެސް އެކަލާނގެ ކުޅަދުންވަންތައެވެ.
ދުނިޔޭގެ ކަންކަން ހނގަނީ މިބީދައިން ކަމަށް ވާއިރު ތިމާއަށް ބާރެއް ލިބޭއިރަށް އެކަމާ މެދު ބޮޑާވުމާ ކިބުރުވެރިވުމަކީ އެއީ އިންސާނީ ތޮބީއަތުގެ އާދައެއް ނަމަވެސް، ހުތުރު ސިފައެކެވެ.
އެގޮތުން ބަލާއިރު ނިމިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތް އިބްރާހިމު މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމުގެ އެންމެ ބޮޑު އަސްލަކީ ވެސް އާރާ ބާރު އޮތް ދުވަހު ރައްޔިތުން ނުރުހޭ ގޮތްގޮތަށް ކަންކަންކުރުމާ އެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުންކަން ޔަގީނެވެ.
މިއީ ފައިބައިގެން ދިޔަ އަހަރު އަހަރުމެން ދިވެހިން ދުށް އެންމެ ބޮޑު ހަގީގަތެވެ. ވެރިމީހާގެ ބޮޑާކަމާ ކިބުރުވެރިކަމާ އަދި ނާއިންސާފުވެރިކަމުގެ ނިމުން ރައްޔިތުން ގެނައީ އެ ރައްޔިތުންގެ ބާރުވެރިކަމުގައި ވޯޓު ކަރުދާސްކޮޅުތަކުންނެވެ.
މި ގައުމުގެ ތާރީޚު ބަދަލުކޮށްލި ވެރިއަކު ނުހައްގުން ހުރަގެއަށް ލުމުގެ ނަތީޖާ އެމްޑީޕީ ސަރުކާރުގެ ކަރުބުޑުގައި ހިތި ރަހަ ލައްވާލީ އެ ވެރިމީހާގެ ހުސް ގޮނޑިއާ ފޮޓޯ ހިފައިގެން ކެމްޕެއިންނަށް ނުކުތް މ. ދިމްޔާތު ޑރ. މުހައްމަދު މުއިއްޒަށް ދިވެހިންގެ ތަޚުތު ދީގެންނެވެ.
އެއާއެކު ދެން ކަން ވެގެން ދިޔައީ ނަމަވެސް ގިނަ ދިވެހިން ހީކުރި ގޮތަކަށް ނޫނެވެ. އިންސާފުގެ ތަރާދުގެ މަތިން ޑރ. މުއިއްޒު ހަނދުމަފުޅު ނެތުނެވެ. ވެރިކަމަށް އައުމަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދު، ރައީސް ޔާމީން މިނިވަންކުރުން ވެސް ކަދުރު ރުކަށް އެރި މީހާގެ ނަދުރަށް ވިއެވެ.
ވެރިކަމަށް މަދު ދުވަސްކޮޅެއް ނުވެ ކޮއިލުގެ ތެރެއިން ބަޣާވާތްތައް ކުރަން ފެށިއެވެ. ނިކަން ސިއްރު ސިއްރުންނެވެ. ވެރިމީހާއަށް ރޭކާލަނީ މީޑީޔާތަކުން ރިޕޯޓުކުރުމުން ކަމަށްވެއެވެ. ނުވަތަ އިދިކޮޅުގެ ކޮންމެވެސް ޖަގަހައެއްގައި ޕޯޑިއަމްގައި ހަރު އަޑުން އެ ވާހަކައެއް ދެއްކުމުންނެވެ.
އަދި މިވަރުން ނިމުނީ އެއް ނޫނެވެ. ވެރިކަން ލިބި، މާ ރަމަޟާން މަހަކު ބެހި ރިޝްވަތާއެކު މަޖިލިސް ވެސް ގަނެލައިގެން ހިތަކަށް ގައުމު ލިބުމުން ދެން ފެށީ ރައްޔިތުން ލޮލުގައި ދޮގު އަނދުން އަޅުވަންށެވެ. ކޮންމެ ކަމެއް ކުރީ ސަރުކާރުތަކާ ޖާމިނުކޮށް ބޮލުން ނައްޓުވަން އުޅޭ މަންޒަރު ފެންނަން ފެށިއެވެ.
ސިހުރުގެ ޑްރާމާއިން ފެށިގެން ގޮސް ބީއެމްއެލްގެ ބަގާވާތުގެ ޑްރާމާއާ ހަމައަށެވެ. ސްކްރިޕްޓުތައް ލިޔުނީ، ފިނިފެންމާ ގޮއްވާލި ޙާދިސާ ޑްރާމާއެއްގެ ގޮތުގައި ސިފަކުރި ނުކިޔަވާ މަޖިލިސް ރައީސް އަދުރޭ ތޯއްޗެކެވެ.
މީގެ އިތުރުން ތިރިވަނީ ތިރިވަނީ ގައި ހުރި ޑޮލަރު ރޭޓުން ފެށިގެން ގޮސް ވެއްޓުނު ސުކޫކުގެ އަގާ ހަމައަށް ވެސް ސަރުކާރުގެ ފެންވަރާ ފަންވަރު ހާމަވެގެން ދިޔައެވެ. ލޭނުގެ މަސްވެރިކަން ހައްލުކޮށް ނިމުނުއިރު ރޯލް މޮޑެލް ފައްތާލި "ގެއްލުނު ލޭން"ގެ ގޮޅިއަކާ އެކު ސަރުކާރު ނޭވާ ހޮޅިއަށް އެޅި އޮކިސަޖަން މާސްކު ހޯދަން ޖެހުނީ މަޖިލިސް މެމްބަރުންނަށާ ނައިބުންނަށާ ވަޒީރުންނަށެވެ.
ބޭރުގެ ސިފައިން ބޭރުކުރަން އައިސް އެމީހުންގެ ޔުނިފޯމު ކުލަ އެއްޗިއްސަށް ބަދަލުކޮށް މަދަނީންނަށް ނަން ބަދަލުކޮށްލުމާ އެކު ދެން އެ ފެނުނީ އަސްލު ސޫރައެވެ. ވިއްކާލި ކަނޑު ހޯދުމުގައި އޮތީ ފަސް ޖެހިފައެވެ. އެގްރިމަންޓުތައް ހާމަކުރުމުގައި އޮތީ ނުކުޅެދިފައެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު ސިއްރެވެ. އެގްރިމަންޓުތަކުގެ ތަފްސީލު ސިއްރެވެ. ރަސްމާލެ ޕްރޮޖެކުޓުގެ އެގްރިމަންޓު ސިއްރެވެ. ޔޫޓީއެފާ ޑޯނިއާ ހެލިކޮޕްޓަރާ ހައިޑްރޮގްރަފީގެ އިތުރުން ތިލަމާލެ ބުރިޖުގެ އެގްރިމަންޓުވެސް އަދިވެސް އޮތީ ސިއްރުކޮށްެފައެވެ. އަނދިރި ދައުލަތަކަށް ވުރެ އެންމެ ތަންފުކެއްވެސް ދެރައެއް ނޫނެވެ.
ވެރިކަން ދަމަހައްޓަނީ މުލިއާގޭ ތެރެއިން މެމްބަރުންނަށް ދޭ ނަގުދު ބައި ލައްކައިގެ އަވާގައި މެމްބަރުން ކުރާ ޖިހާދުންނެވެ. ސަސްޕެންޝަންގައި ތިބި ނައިބުންނާ އަދި އެނޫންވެސް ނައިބުން ކުރާ ޕޯސްޓުންނެވެ. ވަޒީރުން އަރާ ބާއްވާ ޕްރެސްތަކުގައި ހަދާ ދޮގުތަކުންނެވެ. ވެރިމީހާ އަނގަފުޅަށް ވަންޏެއްވެސް އަރުވާ ނުލައްވާ ދޮގު ފޮރުވަން ވެސް ހަދާ ދޮގުތަކުންނެވެ.
އެހެންކަމުން އާރާ ބާރާ އޮވެމެ މިއީ ނޭވާ ހޮޅިއަށް އެޅިފައި އޮތް ސަރުކާރެކެވެ. ވެރިކަމަށް އެންމެ ނުވަ މަސްވީއިރު ރައްޔިތުންގެ އިތުބާރު ގެއްލި އެ ވެރިކަމަކާ މެދު ރައްޔިތުން އެންމެ އަވަހަށް ފޫހިވީ ވެރިކަމެއް މި ނޫނީ ނެތެވެ. ކުރިން ބުނިހާ އެއްޗެއް ކެންސަލްކުރަމުން ރައީސް މީހާ ގެންދަވަނީ އެއީ ނުވާ ކަންކަމަށް ހައްދަވަމުންނެވެ. ނަމަވެސް މިއީ 21 ވަނަ ގަރުނުކަން އެމަނިކުފާނު ހަނދާނެއް ނެތެވެ. ރެކޯޑިންއާ ވީޑިއޯތައް އޯޑިޔާ ބައިޓާ އެކު ނެރެލުމުން ވެއްޓެނީ އެމަނިކުފާނު އަގެވެ.
އެހެންކަމުން ވެރިކަން ހޯދުމަށް ވިއްކި ގޮނޑިއާ ފޮޓޯއާ އެ ފޮޓޯގެ ވެރިމީހާއަކީ މިއަދު އާރާ ބާރާ ނެތް މަގްބޫލު ނޫން ބޭފުޅެއްގެ ގޮތުގައި ސިފަކުރުވާ ނޫސްތައް ގަނެގެން ތިޔަ ކުރައްވާ މަސައްކަތުން ވެސް ހާމަވަނީ ރައީސް މީހާ މިންވަރަށް ޝުކުރު ނުކުރާ މިންވަރެވެ.
ވެރިކަމުގައި ހުރެ ބާރު އޮވެ ރައީސް މުއިއްޒުހާ އަވަހަށް ނިކަމެތިވި ވެރިއެއް ނެތެވެ. ތެދެކެވެ. އާރާ ބާރު އެބަ އޮތެވެ. ނަމަވެސް މަގްބޫލުކަން ގެއްލި އޮފް ކެނޑިއްޖެއެވެ.
ރައީސް ޔާމީންގެ އަގު ވައްޓުވަން ނޫސްތަކަށް މަޖްބޫރުކުރުވައިގެން ސުރުޚީތައް ހެދިދާނެއެވެ. އެމަނިކުފާނު ޖަލަށްވެސް ލެވިދާނެއެވެ ނަމަވެސް ރައީސް ޔާމީންގެ އަޑު ކަނޑުވައެއް ނުލެވޭނެއެވެ. އަދި އެމަނިކުފާނުގެ ފިކުރު ނައްތާވެސް ނުލެވޭނެއެވެ. މަގްބޫލުކަމެއްވެސް ނުކެނޑޭޑުވޭނެއެވެ.