
ސްޕޯޓްސް ކާރެއް ހިމެނޭ އެކްސިޑެންޓެއް ހިނގުމުގެ ސަބަބުން އެތުލީޓުންގެ ކެރިއަރާއި މުސްތަގުބަލަށް ހުރަސްއެޅިގެން ނުވާނެ ކަމަށް ރޭސިން އެސޯސިއޭޝަނުން ބުނެފި އެވެ.
ރޭސިން އެސޯސިއޭޝަނުން މިފަދައިން ބުނެފައި ވަނީ "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ.
އެގޮތުން އެ އެސޯސިއޭޝަނުން ބުނީ ރޭސިން ކޮމިއުނިޓީގައި ހިމެނޭ ކޮންމެ މީހަކު ގަވާއިދާ ހިލާފަށް ކުރާ ކޮންމެ ކަމަކަށް ޖަވާބުދާރީ ކުރުވައި ޒިންމާދާރުކަމާއެކު ދުއްވުމަށް ބާރުއަޅަން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އިތުރަށް ރޭސިން އެސޯސިއޭޝަނުން ބުނީ 307 ރޭސިން އެތުލީޓުން ބައިވެރިވަމުން އަންނަނީ ކޮންޓްރޯލް ކުރެވިފައިވާ އިވެންޓުތަކެއްގައި ކަމަށާއި އެ އިވެންޓުތައް ވެސް ކުރިއަށް ގެންދަނީ ވަރަށް ހަރުކަށި ގައިޑްލައިންތަކާއެކު ކަމަށެވެ.
އެ އެސޯސިއޭޝަނުން ވަނީ ރޭސިންއަށާއި ޑްރިފްޓިންއަށް ހުޅުމާލެއިން ދޫކޮށްފައި އޮންނަ ސަރަހައްދު އަތުލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން ކަންބޮޑުންފާޅުކޮށްފައެވެ.
ރައީސް މުއިއްޒު މިގޮތަށް ނިންމެވީ ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި، 23 އަހަރުގެ ޒުވާނަކު ނިޔާވުމާއި ގުޅިގެންނެވެ.
އެގޮތުން ގަވާއިދާ ހިލާފަށް އުޅަނދު ދުއްވާ މީހުންގެ ލައިސެންސުން ޕޮއިންޓު ކަނޑަން ފަށަން ވެސް ވަނީ ނިންމާފަ އެވެ.










