2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު، މީގެ އެއް އަހަރު ކުރިން ވެރިކަން ލިބުމާއެކު ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން މިގައުމުން ގެންދިޔުމަށް އިންޑިއާއަށް ދަންނަވާނެ ކަމަށް އޭރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް މިހާރު ބުނަނީ ކުރިން ބުނި އެތި ކެންސަލްކޮށްފިކަމަކަން ހާމަވެއްޖެ އެވެ.
މިދިޔަ އަހަރު ގެ މި ދުވަހު މާލޭގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވަނީ ކެމްޕެއިން ފެއްޓެވި ދުވަހުން ފެށިގެން ވެސް ވިދާޅުވަމުން ގެންދަވާ ރާއްޖޭގެ މިނިވަންކަމަށް ހުރަސްއަޅާ ފަރާތްތަކަށް އެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"ފުރަތަމަ ދުވަހު ވެސް ޚާރިޖީ ސިޔާސަތުގެ ދަށުން އަޅުގަނޑު އިށީންނާނަން މިތާނގައިތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް. ރެސްޕެކްޓްފުލީ އަޅުގަނޑު ދަންނަވާނަން ސޮރީއޭ މިތާކު ނުތިބެވޭނެއޭ އަވަހަށް ގެންދަވާށޭ"
ވެރިކަމަށް އައުމަށްފަހު ވެސް އިންޑިޔާ އާއެކު ބާއްވާނެ ގުޅުންތައް މަދު ކުރާނެކަމަށް ވިދާޅުވުމަށްފަހު ދެން ފެނިގެންދިޔައީ އިންޑިޔާގެ ސިފައިން އެ ގައުމަށް އަނބުރާ ފޮނުވާލިކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވި މަންޒަރެވެ.
އިންޑިޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވުމަށްޓަކައި އެ ގައުމުން ގެންނާނީ މަދަނީން ކަމަށް ވިދާޅުވެ ގެނެސްފައި ވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ބައެކެވެ.
ވެރިކަމުގެ ކުރިން އިންޑިޔާގެ ސިފައިންގެ އަދަދު ހާމަކުރައްވާނެ ކަމަށާއި އެ ގައުމާއެކު ކުރި ސަރުކާރުގައި ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ރައްޔިތުންނާ ހަމަޔަށް ތިލަކޮށްދެއްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް އައުމަށްފަހު އިންޑިޔާގެ ސިފައިންގެ އަދަދު ވަނީ އެކި ފަހަރު އެކި ގޮތައް ވިދާޅުވެފައެވެ.
އަދި އެއްބަސްވުންތައް އަދި އަދާހަމަޔަށް ވެސް ހާމަކޮށްފައިނުވެއެވެ.
ރައީސް މުއިއްޒު މި ވަނީ ކުރިން ބުނި އެތި ކެންސަލްކޮށް އިންޑިޔާގެ ފައިބުޑަށް ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ގޮސްފައެވެ.