ނިމިދިޔަ ފަސް އަހަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހިންގި ކޮރަޕްޝަންތަކުގެ މައްސަލަ ވެރިކަމަށް އައިސް ބަލާނެކަމަށް އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެކަން ނުކުރައްވާތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ކުރި ވިޔާނުދާ ބޮޑެތި ކަންތައްތަކުގެ ވާހަކަ މިއަދު ދެކެވެން ނެތްކަމަށެވެ. އެއީ އެކަންކަން ބަލާނެ ކަމަށް ވައުދުވި ބަޔަކީ ޕީޕީއެމް ސަރުކާރުކަމަށެވެ. ވެރިކަމުގެ ފަހުން ޕީއެންސީ ސަރުކާރަށް ވިޔަސް މައްސަލަ ބަލާނެ ކަމަށް ބުނި ވާހަކަ ދޮގެއް ނުކުރެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މައްސަލަތައް ބަލާނެކަމަށް ބުނެ ވެރިކަމަށް އައުމަށްފަހު މައްސަލަތައް ނުބަލާނީ ކޮންމެވެސް ކަހަލަ އެއްބަވުސްމެއް ރައީސް މުއިއްޒާ ކުރީގެ ރައީސް ޞާލިހާ ދޭތެރޭ ހެދިފައިވާތީ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ރައީސް މުއިއްޒަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.
ކުރީ ސަރުކާރުގައި ހިނގާފައިވާ ބޮޑެތި އެއްވެސް ކަމެއް ބެލުމެއްނެތި ކުރީ ސަރުކާރުގެ ހާރިޖި ވަޒީރު އަބްދުﷲ ޝާހިދުގެ އަނބިކަބަލުން ޒިފްލީނާ ފްލެޓެއް ބައްލަވައިގަނެގެން އެ މައްސަލަ ބެލުމުގައި އަވަދިނެތި އުޅެންޏާ އެއީ ލަދުވެތި ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
.
އިބްރާހިމް މުހައްމަދު ޞާލިހް ޕަބްލިކްގަ ވިދާޅުވި ކޮވިޑް ނިމުނުތަން ކަންނޭގެ ދައުލަތައް ލިބުނު 2 ބިލިއަން ރުފިޔާ ހަމަ ވީ ނުވީއެއް ވެސް ނޭނގޭ ހަމަ ވިދާޅުވި. 2 ބިލިއަން ރުފިޔާގެ ވާހަކަ މި ދައްކަނީ. ބަލާކަށް ނޫޅޭ
މި ވާހަކަތަކަކީ އޭރު ޕީޕީއެމް އިން ދެއްކެވި ވާހަކަތައް ކަމަށާއި ވެރިކަން ހޯދުމަށް ރިޔާސީ އިންތިޚާބްގެ ދުވަސްވަރު ރައްޔިތުންނަށް ވިއްކީ ވެސް ހަމަ މި ވާހަކަތައް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އޭސީސީ އާއި ފުލުހުން މި މައްސަލަތައް ނުބަލާނެކަން އެނގޭ ކަމަށާއި މިކަންކަމަކީ ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ކަންކަންކަމަށް ވިޔަސް ސަރުކާރަކުން ވެސް ނޫ ޖަގަހަ އަކުން ވެސް ޖަވާބުދޭކަށެއް ނުކެރޭނެކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.