

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް "ބައި ލައްކަ" ރުފިޔާ ދެމުން އަންނަ ކަމަށް ބުނެ އަދަދު ނޫހުން ޑޮކިޔުމެންޓަރީ އެއް ނެރެގެން ސަރުކާރުން އެހާ ތުރުތުރު އަޅާފައި އެ ނޫހަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމަނީ އެ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އޭގައި އެކުލެވޭތީ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ނޫސްވެރިންނަކީ އެމީހުންނަށް ގަބޫލުކުރެވޭ ވާހަކަތަކެއް ރައްޔިތުންގެ ސަމާލުކަމަށް އަދި އޭގެތެރެއިން ސަރުކާރުގެ ސަމާލުކަމަށް ގެންނަ ބައެއްކަމަށެވެ. އެހެންކަމުން ނޫހުގައި ރިޕޯޓް ކުރާ ވާހަކައަކީ އޭގެ ޒާތުގައި އަލިފުން ޔާއަށް ތެދުވާހަކައަކަށް ވާކަށް ނުޖޭ ކަމަށާއި އަދި މަސްދަރު ހާމަކުރާކަށް ވެސް ނުޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ނޫސްވެރިިކަމަކީ ކޮބައިކަން ހާމަކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ގައުމީ ސަލާމަތައް ނުރައްކާވާ ކަންކަމުގައިޔާއި ނޫނީ ނަފްރަތު އޭގައި ހިމެނޭ ވާހަކަ ދައްކާ ޓެރަރިޒަމް އަށް މަގުފަހިވާ ކަންކަން ނޫހަކުން ޝާއިއުކުރާ ޚަބަރެއްގައި ހުރެގެން ނޫނީ މިނިވަން މުޖްތަމައެއްގައި ފިޔަވަޅު އަޅާ ހިސާބަށް ނުދާކަމަށެވެ.
މިހާރު އަޅުގަނޑުމެންނަށް މި އިވެނީ އަދަދު ނޫހުން މި ވާހަކަ ދައްކާ މިކަހަލަ ކަންކަން ކުރަން ފެށީމާ، ފުރަތަމަ މި ނިކުންނަނީ ސަފުސަފަށް މަޖިލިސް މެމްބަރުން ތުހުމަތު ކުރެވޭ މީހުން، އުނހޫ ތިމަންނާމެންނަށް އެއްޗެއް ނުލިބޭ. ދެން އަޅުގަނޑު ހިތައް އަރަނީ އެ އިންޓަވިޔު ދެއްވާ ބޭފުޅުންނަށް އެެއްޗެއް ނުލިބެނީއޭ. ދެން އިންޓަވިޔު ނުދެއްވަންޏާ އޭގެ ފްލިޕް ސައިޑަކީ އެއްޗެއް ލިބެނީއޭ. އެހެންވެގެންތާ އަރާ އެއްޗެއް ނުލިބެޔޭ ބުނަން ނުކެރެނީ. އެހެންވީމާ އުނދަގޫ މައްސަލައެއްް.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މެމްބަރުންނަށް ފައިސާ ދޭ މަންޒަރުގެ ޑޮކިޔުމެންޓަރީ އެއް ނެރެ، ޚަބަރެއް ޝާއިއު ކުރުމުން ދައުލަތުން ދިނީ އިންޒާރު ކަމަށާއި މި ސަރުކާރަކީ އިންޒާރުގެ ސަރުކާރެއް ކަމަށެވެ.
ނޫހެއްގައި އެ ވާހަކަ ލިޔުނީމަ، އެ ލިޔާ ވާހަކައިގައި އެއްވެސް ކަހަލަ އޮއްޓަރެއް، އެއްވެސް ކަހަލަ މަސްދަރެއް، ނެތް ކަމަށް ވަންޏާ އެހާ ބޮޑަށް ތުރުތުރު އަޅާފައި އެވާހަކައަށް ރިއެކްޓް ކުރާނީ އެ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އޮތީމާކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މެމްބަރުންނަށް ބައި ލައްކަ ދޭ ވާހަކަ އަކީ ތެދެއް ކަމަށް ބެލެވޭކަމަށް ވާހަކަފުޅުގައި ސިފަކުރައްވާފައެވެ.
ބާޒާރު މަތީ ދައްކާ ވާހަކައެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނަން ގެނެސްފިއްޔާ ދެންވީ ފިޔަވަޅު އަޅަންތޯ އައްސަވާ ރައީސް ޔާމީން ވަނީ ސުވާލުކުރައްވާފައެވެ.
ނޫހެއްގައި އަދި ވާހަކައެއް ޖަހާލާއިރަށް ފިޔަވަޅު އަޅަންވެއްޖާ އެއީ ވަރަށް އިމްމެޗުއާރ ވުންކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސަރުކާރުން އަދަދު ނޫހަށް ފިޔަވަޅު އަޅަން ނިންމުމުން ފާޑުވިދާޅުވެފައެވެ.