May 27, 2026
Advertisement
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ / ސޯޝަލް މީޑިއާ

ރަސޫލު ބޭކަލުންގެ ހަޔާތްޕުޅުން އިބްރަތް ލިބިގަނެ އެއަށް އަމަލުކުރަންޖެހޭ: ހުކުރު ޚުތުބާ

Aminath Zara
އައިމިނަތު ޒާރާ
Sep 13, 2024, 07:34 PM
މާލެ ސިޓީ

ރަސޫލު ބޭކަލުންގެ ހަޔާތްޕުޅުތަކަކީ އިބްރަތާއި އެކި ފިލާވަޅުތަކުން ފުރިގެންވާ ހަޔާތްޕުޅުތަކެއް ކަމަށާއި މިފަދަ އިބްރަތްތައް ދެނެގަނެ އެއަށް އަމަލުކުރުމަށް މިއަދުގެ ޚުތުބާގައި ގޮވާލައްވާފިއެވެ.

Advertisement

މިއަދުގެ ޚުޠުބާ މަޢުޟޫއަކީ "ރަސޫލުބޭކަލުންގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުން" މިއެވެ.

މިގޮތުން، މި ދުނިޔެ މަތީގައި އެންމެ ބޮޑު އިމްތިހާނެއް ކުރިމަތިކުރެއްވީ ރަސޫލު ބޭކަލުންނަށް ކަމަށާއި މީގެ ތެރެއިން އައްޔޫބުގެފާނުގެ ވާހަކައަކީ ވަރަށް އިބުރަތްތެރި ވާހަކައެއް ކަމަށެވެ. އެކަލޭގެފާނަށް ﷲ ތަޢާލާ ގިނަ މުދަލާއި، އަޅުންނާއި، ދަރީން ދެއްވި ނަމަވެސް، ފަހުން އެކަލޭގެފާނު އިމްތިޙާނު ކުރެއްވުމަށް ބޮޑު ބަލިމަޑުކަމެއް ޖެއްސެވިއެވެ. މިފަދަ ހާލަތުގައިވެސް އެކަލޭގެފާނު މާތްﷲ އަށް ވަކީލުކޮށް ކެތްތެރިކަން އިސްކުރެއްވިކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.

ފަޤީރުކަމާއި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނާއި ކެކުޅުމުގައި ވެސް އައްޔޫބުގެފާނު ކެތްތެރިވެވަޑައިގެން الله تَعَالَىއަށް ދުޢާކުރެއްވުމާއި ޛިކުރުކުރެއްވުމުގައި ދެމިއޮންނެވިއެވެ.

ކީރިތި ޤުރްއާނުގައި މި ފަދަ ޢިބުރަތްތެރި ވާހަކަތައް الله تَعَالَى ބަޔާންކޮށްދެއްވަނީ އެ ފަދަ ވާހަކަތަކުން ފިލާވަޅު ލިބިގަނެ އަހަރެމެންގެ އުޅުމާއި ގުޅުން އިޞްލާޙު ކުރުމަށް ޓަކައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އައްޔޫބުގެފާނުގެ ވާހަކައިން އަހަރެމެންނަށް ލިބޭ އެއް ފިލާވަޅަކީ މުޞީބާތުގެ ވަގުތުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކަށް އަޅުކަމުގައި ދެމިހުރުމުގެ މުހިއްމުކަމެވެ. ޝިފާލިބުމާއި، ކާމިޔާބުލިބުން ވަނީ ﷲގެ ހަޟުރަތުންކަމެވެ. ކެތްތެރިވެ ސާބިތުކަމާ އެކު ދެމިހުރެއްޖެ ނަމަ ލިބޭ ކާމިޔާބުގެ މަތިވެރިކަމެވެ.

މީގެއިތުރުން، އެކަލޭގެފާނުގެ އަނބިކަނބަލުން ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރައްވާ އެ ކަމަނާ އެ ފަޤީރު ދަތި އުނދަގޫ ޙާލަތުގައި އެކަލޭގެފާނަށް އެހީތެރިވުމުގައި ދެމި ހުންނެވިކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.

ތެދުވެރި މުސްލިމުން މިފަދަ ކަންކަމާ ކުރިމަތިލާނީ ކެތްތެރިކަމާއި، ހިތްހަމަޖެހުމާއި، އަދި ދުޢާކުރުމާ އެކުގައި ކަމަށާއި މިފަދައން އިސްލާމީ އުއްމަތުގެ އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved