އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާ, ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް، ކްރިމިނަލް ކޯޓުން އަލުން ބަލަން ފެށި މައްސަލައިގެ ޝަރީއަތް ޔޫޓިއުބް ލައިވްކުރާ ގޮތަށް މާދަމާއަށް ތާވަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ޝެޑިއުލުގައިވާ ގޮތުން އެ އަޑުއެހުން އޮތީ މާދަމާ ހެނދުނު 9 ޖަހާއިރު އެވެ. އެއީ މިދިޔަ މަހު 21 ވަނަ ދުވަހު މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ލައިވްކޮށްގެން ބާއްވާ ފުރަތަމަ އަޑުއެހުމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ދެއްވި ތާރީހެވެ.
އެ އަޑު އެހުމުގައި، ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކީލު ހަމްޒާ ލަތީފު އެދިވަޑައިގެންނެވި އެވެ.
ހަމްޒާ ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީންގެ މައްޗަށް މީގެ ކުރިން އުފުލި ހުރިހާ ދައުވާތަކެއްގެ މައްސަލަތަކުގެ ޝަރީއަތްވެސް ލައިވްކޮށް ކުރިއަށް ގެންގޮސްފައިވާތީ މި މައްސަލައިގެ އަޑު އެހުންވެސް ލައިވްކޮށް ކުރިއަށް ގެންގޮސްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާ ކަމަށެވެ. އެކަމުގައި ދައުލަތުގެ އެއްވެސް އިއުތިރާޒެއް ނެތުމާއެކު ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދަން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން އެ އަޑު އެހުމުގައި މައްސަލާގައި ހައިކޯޓުން ކުރި ހުކުމުގައި ވާ އައު ހެކިތައް އެއް ފަރަތާތްކުރުމަށް ބުނެފައިވާ ބައި ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާކަން ދައުލަތުން ފާހަގަކުރުމުން، ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އެ ބައިތަކަށް ބަދަލު އައިސްފާނެ ކަމަށް ފާހަގަކުރައްވާ ގާޒީ ނަދީމް ވިދާޅުވީ އެ މައްސަލާގައި ދެން ހުރި ބައިތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.