މަޖިލީހުގެ ޖަލްސާ / -
ސިޔާސީ
އަނެއްކާވެސް މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް!
Mariyam Isaadha
މަރިޔަމް އިސާދާ
16 ސެޕްޓެމްބަރު 2024
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ ފަށައިފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދުގެ ޖަލްސާ ތާވަލުކުރީ ހެދުނު 9:00 އަށެވެ. އެޖެންޑާގައި އޮތީ ސަރުކާރުގެ ފަރާތުން ކުންފުނީގެ ގާނޫނަށް ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް ކުރުމާއި ވޯޓަށް އަހަން ޖެހޭ ކަންކަމަށް ވޯޓަށް އެހުން އެކަންޏެވެ.

ސަރުކާރުގެ ފަރާތުން، ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު މި ބިލު ހުށަހެޅުއްވީ ސެޕްޓެމްބަރު 11، ގައި ދައުރުން ބޭރުން ބޭއްވި ފުރަތަމަ ޖަލްސާގައެވެ.

އެ ރޭ ބޭއްވި ޖަލްސާގައި މި ބިލުގެ އިތުރުން ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ރައީސް ފޮނުއްވި ނަމާއި އެ މަގާމަށް ކުރިމަތިލި އެހެން ބޭފުޅުންގެ ނަންތައް އިއްވުން އޮތެވެ. އެ ނަންތަކުގެ ތެރެއިން މަޖިލީހުގެ ތަޅުމުން ބަލައިގަނެ ކޮމިޓީއަށް ފޮނުވީ ރައީސް ހުށަހެޅުއްވި، ހ. ޔެލޯރޯޒް، އައްބާސް ޝަރީފްގެ ނަމެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން އޮގަސްޓު 22، ގައި ބޭއްވި ޖަލްސާ ކުރިއަށް ދަނިކޮށް އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ މަގާމުން ވަކިކުރަން އެ ޖަލްސާގައި ވޯޓު ނަގައި، އެގޮތަށް ފާސްކުރިއެވެ.

ދައުރުން ބޭރުން ޖަލްސާތައް ބާއްވާ ސަރުކާރުން ބޭނުންވާ ކަންކަން ނިންމަމުން ގެންދާއިރު. ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ކުރަން ފޮނުވި ބިލު މަޖިލީހުގެ ކޮމިޓީގައި އޮތީ ޕާކުކޮށްފައެވެ. އަދި ރައީސް އޮފީހުގެ އިސް ތަރުޖަމާނު އެންމެ ފަހުން ބޭއްވި ޕްރެސްގައި ވިދާޅުވީ، ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ނުކުރެވިގެން އުޅެނީ މަޖިލިސް ޗުއްޓީގައި އޮތުމުން ކަމަށެވެ.

ސަރުކާރުުން ބޭނުން ކަންކަން ކުރަންވުމުން ދައުުރުން ބޭރުން ޖަލްސާތައް ބާއްވާ ކަންކަން ނިންމަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved