ރައީސް ޔާމީން ޗެނަލް 13 އަށް އިންޓަވިޔު ދެއްވަނީ / ތޭރަ އޮންލައިން
ސިޔާސީ
ފުލުހުންގެ އަތުގައި ހުރި ތަހުގީގުގެ މަރުހަލާގެ ލިޔެކިޔުންތައް ބޭނުން: ރައީސް ޔާމީން
Aishath Naja
އައިޝަތު ނަޖާ
16 ސެޕްޓެމްބަރު 2024
މާލެ ސިޓީ

ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި ތަހުގީގުގެ މަރުހަލާގައި ހުރި ލިޔެކިޔުންތަކާއި، އޯޑިއޯ އަދި ވީޑިއޯތައް ބޭނުންވާކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ދިޔަ އަޑުއެހުން ނިންމަވާލެއްވުމަށްފަހު އެމަނިކުފާނުގެ ގެކޮޅަށް ވަޑައިގެން "ޗެނަލް 13" އަށް ދެއްވި ހާއްސަ އިންޓަވިޔުއެއްގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ތަހުގީގު މަރުހަލާގެ ހުރިހާ ލިޔެކިޔުންތަކެއް ހުށަހަޅަން ފުލުހުންގެ މައްޗައް ލާޒިމެއް ނުވާނެކަމަށެވެ. އެހެންނަމަވެސް ކުރިން އާރަށުގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް އިސްތިއުނާފުގެ މައްސަލަ ހުށަހެޅި އިރު ދައުލަތުން ލިބެންވާ ލިޔެކިޔުންތަކެއް ނުލިބޭ ވާހަކަ ދެންނެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެފަހަރު ސުޕްރީމް ކޯޓުން ބޮޑު ގައިޑްލައިނެއް ތައްޔާރުކުރިކަމަށާއި ތަހުގީގު މަރުހަލާއިން ފެށިގެން ހުރިހާ މަރުހަލާއެއްގައި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ހުރި ލިޔެކިޔުމެއް ބޭނުންވާނަމަ، ހުރިހާ ލިޔެކިޔުންތަކާ، ޗެޓް ލޮގްތަކާއި، އޯޑިއޯ ވީޑިއޯ، ލިބެންވާނެކަމަށް އެ ގައިޑްލައިންގައި އޮތްކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އޭރު މައްސަލަ ކްރިމިނަލް ކޯޓުގައި ނިމުމުން ދެން އެފަހަރު އެ ލިޔެކިޔުންތައް ލިބޭ ގޮތެެއް ނުވި ކަމަށާއި މިހާރު އެ މައްސަަލަ އަލުން ކްެރިމިނަލް ކޯޓްގައި ތަހުލީލު ކުރާއިރު، އެ ލިޔެކިޔުންތައް ލިބެންވާނެ ކަމަށް ރައިސް ޔާމީން ފާހަގަކުރެއްވި އެވެ.

އެއީ މިހާރު ދައުލަތުން ބުނާއެއްޗެއް ނޫންހޭ ތި ބުނަނީ އެކަމަކު ދައުލަތުން އެ ބުނަނީ ފުލުހުން ބުނާއެއްޗެކޭ. ފުލުހުންގެ އަތުގެ މަރުހަލާގައި ހުރި ލިޔެކިޔުންތައް ބޭނުން. އޯޑިއޯ ވީޑިޔޯތައް ބޭނުން. ދެން އަނެއްކަމަކީ ހެކީގެ ކަންތައް، ދައުލަތުގެ ފަރާތުން އޭރު ނުވެއްދުނު ހެކިތަކެއް، ކްރިމިނަލް ކޯޓުން ބަލައިގަތީ، އަޅުގަނޑުމެން އެކަމާ ޖަދުލުކުރީ.

- ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ކްރިމިނަލް ކޯޓުގައި އޮތް މައްސަލަ މިހާރު މަޑުޖައްސާލަން ނިންމާފައިވާކަމަށާއި އެކަން އެގޮތައް ކުރަން ނިންމެވީ ދައުލަތުގެ ފަރާތުން އަލަށް ވައްދާ ހެކިތައް ބަލައިގަނެވޭތޯ ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ދެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އާ ރަށުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރީ ޑިސެންބަރު 25, 2022 ގަ އެވެ. އެ މައްސަލައިގައި ހިމެނޭ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާއެކު 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް, އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ. އަދި އެ މައްސަލައިގައި ހިމެނޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމް ވެސް ބާތިލުކޮށް, ދަށު ކޯޓުން އަލުން ބަލަން އަމުރުކުރި އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved