ސްރީލަންކާގެ އިންތިހާބާ ދިމާކޮށް އެ ގައުމުގައި އުޅޭ ދިވެހިން ސަމާލުވުމަށް އެދިއްޖެއެވެ.
ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ނެރުނު ނޫސް ބަޔާނުގައި ވަނީ ސްރީ ލަންކާގައި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އެދިފައެވެ.
ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އިލްތިމާސްކޮށްފިއެވެ. އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އިންތިޚާބާ ގުޅިގެން ލަންކާގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ހަރުދަނާ ކުރެވިފައެވެ. މިކަމާ ގުޅިގެން އެމްބަސީން ދިވެހިންނަށް ވަނީ މުހިންމު އިރުޝާދުތަކެއް ދީފައެވެ.
އެގޮތުން 6 އިރުޝާދެއް ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
1- ބޭރަށް ނުކުންނައިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންގުޅުމަށް އަންގާފައިވެއެވެ. އެއީ ސަލާމަތީ ބާރުތަކުން ހުއްޓުވައި ސުވާލުކޮށްފާނެ ހާލަތެއް އައިސްދާނެތީ ކަމަށް ވެސް ބުނެފައިވެއެވެ.
2- ގިނަ މީހުން ޖަމާވާ ތަންތަނާ ވޯޓުލާ މަރުކަޒުތަކާ ދުރުހެލިވުމަށް އެދިފައިވެއެވެ. އެއީ އެ ފަދަ ތަންތަނަކީ އާންމުކޮށް އިންތިޚާބީ މާހައުލުގައި ހަލަބޮލިކަން އުފެދިދާނެ ތަންތަން ކަމަށްވާތީ ކަމަށް ހާމަކޮށްފައިވެއެވެ.
3- ރޭގަނޑުގެ ވަގުތުތަކުގައި ބޭރަށް ނުުމެ ނޫޅުމަށް އިލްތިމާސްކޮށްފައިވެއެވެ. އެއީ އިންތިޚާބާ ގުޅިގެން ރޭގަނޑުގެ ވަގުތުތަކުގައި އާންމު ހަމަޖެހުމަށް ނޭދެވޭ އަސަރުކޮށްފާނެ ކަންކަން ހިނގުމުގެ ފުރުސަތު އޮތުމާއެކު ކަމަށް ވެސް ބުނެފައިވެއެވެ.
4- ފުލުހުންނާ ސަލާމަތީ ޚިދުމަތްތަކުގެ އިރުޝާދަށް ކިޔަމަންވުމަށް ވެސް ވަނީ އަންގާފައެވެ. އެއީ އިްނތިޚާބާ ގުޅިގެން ޚާއްސަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވާނެތީ އާ އެ ފަރާތްތަކުގެ އިރުޝާދަށް ތަބާވުމަކީ އަމިއްލަ ރައްކާތެރިކަމަށް ކޮންމެހެން މުހިއްމު ކަމަކަށް ވުމުން ކަމަށް ބަޔާނުގައިވެއެވެ.
5- ޒަރޫރީ ތަކެތި ދުރާލާ ހޯދުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން އިންތިޚާބާ ގުޅިގެން ވިޔަފާރިތަކާ ފިހާރަތައް ވަންދުކުރުމުގެ ފުރުސަތު އޮތުމާއެކު އެކަން އެގޮތަށް ކުރުމަކީ މުހިއްމުކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.
6- ކުރިއަށް އޮތް ހަފްތާ ބަންދު ދުވަސްތަކަށް ވިސްނާ ވިސާއާ ގުޅުން ހުރި ކަންކަން ވީހާވެސް އަވަހަކަށް ނިންމުމަށް ވެސް އެމްބަސީއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި އިންތިޚާބަކީ ލަންކާގެ އިގްތިސޯދީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި ބޭއްވޭ އިންތިޚާބަކަށް ވުމާއެކު، ސިޔާސީ ހަލަބޮލިކަން އިތުރުވެދާނެ ކަމަށް ބެލެވެއެވެ.