ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުން އެއީ މުހިންމުކަމެއްގެ ގޮތުގައި ނުދެކި ޕާސްޕޯޓް މަނާނުކޮށް މަޖިލީހުން އެ މައްސަލަ ޕާކްކޮށްފައި އޮންނަތާ 4 މަސް ވެއްޖެކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަލަދައްކަވަމުންނެވެ.
އެގޮތުން ސަހްޔޫނީންގެ ޕާސްޕޯޓް މަނާނުކުރެވިގެން މިއުޅެނީ މަޖިލީހުގެ ކޮންފަދަ ބޮޑު އިޖުރާއަތްތަކެއް އޮންނާތީތޯ އައްސަވާ ރައީސް ޔާމީން ވަނީ ވަރުގަދަ ސުވާލެއް އަމާޒުކުރައްވާފައެވެ. ޕާސްޕޯޓް މަނާނުކޮށް ޕިޖަން ހޯލްކޮށްފައި އޮންނަތާ 4 މަސްވެއްޖެ ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ދައުރުން ބޭރުން މަޖިލީހުގެ ފުރަތަަމަ ޖަލްސާ ބާއްވާ ޕްރޮސެކިޔުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވުނުކަމަށާއި ދެވަނަ ޖަލްސާ ބާއްވާ ކުންފުނި ގާނޫނަށް އިސްލާހް ގެނެވުނުކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ދައުރުން ބޭރުން މިކުރީ ޕްރޮސެކިޔުޓާ ޖެނެރަލެއް އައްޔަން ކުރުމުގެ މަސައްކަތް. ދެން ޝައްކެއް ވެސް ނެތް. އަސާސީގައި ބުނާ މުއްސަސާގެ އިސް މީހުން އައްޔަން ކުރުމަކީ ކުރަން ޖެހޭނެކަމެއް. ޕްރޮސެކިޔުޓަރެއް ނެތުމަކީ ޕްރޮސެކިޔުޝަން ނުހިނގާނެވެސް ކަމެއް ނޫން.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސަހްޔޫނީންގެ ޕާސްޕޯޓަކީ މަޖިލީހުގެ ބޮޑެތި އިޖުރާއަތްތައް ހުރެގެން މަނާނުކުރެވިގެން އުޅޭކަމަށް ސަރުކާރުން ދޭހަކޮށްދޭން މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
ސަހްޔޫނީންގެ ޕާސްޕޯޓް މަނާ ނުކޮށް ސަރުކާރުން އެކި ކަހަލަ ބަހަނާތައް ދައްކަވަމުން ގެންދާތީ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.