ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންގެ ވަޒީފާ މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރިއިރު ބަދަލުކޮށްފައިވަނީ ކޮންޓްރެކްޓު މުވައްޒަފުންގެ ގޮތުގައި ކަމަށްވުމުން އެކަމުގެ ކަންބޮޑުވުން އެ މުވައްޒަފުން ފާޅުކޮށްފިއެވެ.
އެޗްޑީސީ އިން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރި މުވައްޒަފަކު ނަން ހާމަނުކުރުމަށް އެދި ޗެނަލް13 އަށް މައުލޫމާތު ދިން ގޮތުގައި އެތައް މުވައްޒަފުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރި އިރު އެ ހުރިހާ މުވައްޒަފުންވެސް ބަދަލުކޮށްފައިވަނީ އެއް އަހަރުގެ ކޮންޓްރެކްޓް އުސޫލުންނެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެ މީހާ ބުނީ އެކަމާ ގުޅިގެން މުވައްޒަފުން ތިބީ ވަރަށް ކަންބޮޑުވެ މާޔޫސްވެފައި ކަމަށާ އެކަމާ ގުޅިގެން އެމްޑީޕީ ފަޒުލް ރަޝީދުއާ ބައްދަލުކޮށް ވާހަކަ ދައްކަން މަސައްކަތް ކުރުމުންވެސް އެމްޑީގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ.
އެ މީހާ ބުނީ އެފަދަ ބޮޑުކަމެއް ހިނގާ ދިޔުމުން ވެރިން މުވައްޒަފުންނާ ބައްދަލުކޮށް މުވައްޒަފުންގެ އަޑު އަހާ މުވައްޒަފުންގެ ހިތްހަމަ ޖެހުމަށް ވާހަކަތައް އަޑު އަހަން ވާނެ ކަމަށެވެ.
އެމީހާ ބުނި ގޮތުގައި އޭނާ އެޗްޑީސީގައި މަސައްކަތްކުރާތާ 6 އަހަރުވެފައިވާއިރު މިއީ އެމްޑީޕީ ސަރުކާރުންވެސް އެމީހުންނަށް ނުކުރާ ގޯނާއެކެވެ. އޭނާ ބުނި ގޮތުގައި ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ގެންނަން ވޯޓުދިނީ އެއީ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަންނަވާ ގޮތްކަމަށް އޭރު ޕީޕީއެމް ޕީއެންސީއިން ހާމަކުރުމުން ކަމަށެވެ.
ނަމަވެސް ރައީސް ޔާމީން ވެސް މިނވަންނުވެ ރައްޔިތުން މިއަދު ނިކަމެތިވެ ގޮތް ހުސްވަމުންދާ ކަމަށްވެސް އެ މީހާ ވަނީ ހާމަކޮށްފައެވެ.
މި ކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ހޯދާލަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.