March 13, 2026
Advertisement
ޑރ ޖަމީލް އަހްމަދު
ޑރ ޖަމީލް އަހްމަދު / ސޯޝަލް މީޑިއާ

ޕޯޓް ތަރައްގީކުރަން ބޭރުގެ ކުންފުންޏަކަށް ދޭތީ ޑރ ޖަމީލް ފާޑުވިދާޅުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Sep 22, 2024, 07:25 PM
މާލެ ސިޓީ

ރާއްޖޭގެ ކަނޑުގެ ބަނދަރު ބޭރުގެ ގައުމަކަށް ވިއްކާލަން އުޅޭތީވެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ޕޯޓު ތަރައްގީ ކުރުމަކި ދިވެހީންނަށް ވެސް ކުރެވޭނެ ކަމެއްކަމަށެވެ. ނަމަވެސް ސަރުކާރުން ވިސްނުން ގެންގުޅެނީ ދިވެހީންނަށް އެވަރުގެ ކަމެއް ނުކުރެވޭނެކަމަށެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް ވެސް ސަރުކާރުން ވީ އެމީހުންގެ ވިސްނުން ބަދަލުކުރަން ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލް އިތުރަށް ވިދާޅުވީ މާލީ ގޮތުން އެކަން ނުކުރެެވޭނެ ކަމަށް ބުނެ ބޭރުގެ ގައުމަކަށް ދޭން އުޅޭއިރު އަނެއްކޮޅުން މިއުޅެނީ މި ރީޖިއަންގައި ވެސް ނެތް ފެންވަރަށް ހަދާފައި އޮތް ސީޕްލޭން ޓާމިނަލް އެހެންތަނަކަށް ބަދަލުކުރަންކަމަށެވެ. ސީޕްލޭން ޓާމިނަލް އެހެންތަނަކަށް ބަދަލު ކުރުމަކީ ވެސް އެހާވަރަށް ފައިސާ އެކަމަށް ދާނެކަމަކަށް ވާއިރު އެކަން ކުރަން ސަރުކާރުން ދައްކަނީ "މުނސަދި"ކަން ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެމްޑީޕީގެ ވެރިކަން ބަދަލުކުރަން ކުރި އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގެ ސިޔާދަތު ހިފެހެއްޓުންކަމަށްވާއިރު އެ ވައުދު ވެވަޑައިގެންފައި ވެރިކަމަށް އައިސް އެކަންތައްތައް މަތިން ހަނދާން ނެތިގެން ރައީސް މުއިއްޒު އުޅުއްވާތީ ޑރ ޖަމީލް ވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދެއްކެވި ވާހަކަތައް ތަކުރާރުކުރައްވާފައެވެ.

ޑރ ޖަމީލްގެ އިތުރުން އެ ޖަލްސާގައި ބައިވެރިވެޑައިގަންނަވަމުން ރައީސް ޔާމީން ވެސް ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ކަނޑުގެ ބަނދަރު ވިއްކާލަން ނިންމާފައިވާތީ އެކަމާ ނުރުހުންފާޅުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved