
ވެރިކަން ކުރާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް މެމްބަރުން އިތުރުކުރަން ކުރާ ދަތުރުތަކަށް ސަރުކާރުގެ ކުންފުނިތަކުން ހަރަދު ކުރާކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ތުހުމަތު ކުރައްވައިފި އެވެ.
އައްބާސް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އައްބާސް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ވެރިން ޕާޓީގެ މެމްބަރުން އިތުރުކުރުމަށް ކުރާ ދަތުރުތަކަށް ކުންފުނިތަކަށް ބިލްކުރަމުންދާ ކަމަށެވެ. މިއީ ކުންފުނިތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން ކުންފުނިތަކަށް ބިލްކުރާ ގޮތަށް ޕާޓީއަށް މެންބަރޝިޕް އިތުރުކުރުމަށް ދަތުރުކުރުމަކީ ރައްޔިތުންގެ ފައިސާއަށް ގައްދާރުވުން ކަމަށް ވެސް އައްބާސް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.
އައްބާސް ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކުން ޕާޓީގެ މެމްބަރުން އިތުރުކުރަން ހަރަދުކުރާ ކަމަށް ތުހުމަތުކުރަނީ ރަށްރަށަށް ކުރާ ދަތުރުތަކުގެ ފޮޓޯތަކުން އެކަން ހާމަވާތީ އެވެ. ކުންުފުނިތަކުން އެގޮތަށް ހަރަދުކުރުމަކީ ވައްކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ޕީއެންސީން ގެންދަނީ އެ ޕާޓީގެ މެމްބަރުންގެ އަދަދު އިތުުރުކުރުމަށް ހާއްސަ ހަރަކާތްތަކެއް މާލެ އާއި ރަށްރަށުގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ވަޒީފާގެ ރިޝްވަތު ދީގެން ވެސް މެމްބަރުން ހޯދާކަމަށް ވަނީ މައުލޫމާތު ލިބިފައެެވެ.









