ރާއްޖޭން ބޭރުގެ ގައުމުތަކަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިތުރުފުޅުހައްދަވަމުން ގެންދަވާތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމް ސިންއާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅެއް ރަނިލް ވަނީ ދާދިފަހުން އިންޓަވިޔުއްގައި ވިދާޅުވެފައެވެ. އެގޮތުން "އިންޑިޔާ އައުޓް" ކެމްޕެއިން އަކީ ރައްޔިތުންގެ ވޯޓު ހޯދަންވެގެން ރައީސް މުއިއްޒު ބޭނުންކުރެއްވި ކަމެއްކަމަށާއި ވެރިކަން ލިބުމުން މިހާރު އިންޑިޔާއާއެކު ގުޅުން ބަދަހިވެފައިވާ މަންޒަރު ފެންނަ ކަމަށް ވެސް ރަނިލް ވަނީ ފާހަގަކުރައްވާފައެވެ.
އެ އިންޓަވިޔުގައި ރަނިލް ދެއްކެވި ވާހަކަތަކަަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ގޮސް ރަނިލްގެ އަރިހުގައި އެދެއްކެވީ އާދާއިގެ ވާހަކައެއް ނޫންކަމަށެެވެ.
މިއީ ވަރަށް ސީޒަން، ވަރަށް ޑިޕްލޮމެޓިކް ލީޑަރެއް.އަޅުގަނޑުމެންގެ ސަރަހައްދުގެ އެތައްވެރިންނެއް ބަދަލުވެގެންދިޔަ އިރުވެސް އެ ހުރިހާ ކަމެއް ފެނިފައިހުރި މީހެއް ރަނިލް އަކީ. ދެން އަނެއްކާ ހައި އިންޓެލެކްޗުއަލް ބޭފުޅެއް. އެކަމަކު އެވަރު ބޭފުޅުންނަށް މުއިއްޒުމެން ކަހަަލަ ބޭފުޅުން، މުއިއްޒުމެންނޭ މި ދެންނެވީ ސިޔާސީ ގޮތުން ނޫނީ ޑިޕްލޮމަސީގެ ދާއިރާއިން އަލަށް ވަޑައިގެންނަވާ ލީޑަރުން މިއީ. މި ބޭފުޅުން މިކަހަލަ ވާހަކަތައް ދެެއްކެވީމާ އެބޭފުޅުންނާ ދޭތެރޭގައި ނުވަތަ ދިވެހިރާއްޖޭއާ ދޭތެރޭގައި މިފެންވަރުގެ ބޭފުޅުންގެ ވިސްނުމުގައި އެބޭފުޅުންގެ ތަސައްްވުރު އޮންނާނެ ގޮތަކާ ދޭތެރޭގައި މިއީ ދިވެހީން ވިސްނަންޖެހޭނެ ކަމެއްް.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ދާދިފަހުން ސްރީލަންކާގައި އޮތް ރިޔާސީ އިންތިޚާބްގެ ތެރެއިން ކެމްޕެއިން ކުރެއްވި އިރު ޕޯސްޓަރު ތަކުން ފެނިގެންދިޔައީ ރާއްޖެ އަށް ވީގޮތް ނުވުމަށްޓަކައި ވޯޓު ދެއްވުމަށް ބުނެފައިވާ ވާހަކައެވެ. އެމީހުން ރާއްޖެއަށް ވީގޮތޭ އެ މާނަކުރީ ރާއްޖޭގެ ރައީސާ ރައްޔިތުންނާ އެއްވެސް ގުޅުމެއް ނެތުމުން އެކަމާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ބޭރުގެ ގައުމުތަކުގައި ދިވެހިރާއްޖެ ޕޯޓްރޭ ވެގެން އަންނަނީ ފަހުރުވެރިވާ ފަދަ ގޮތަކަށް ނޫންކަމަށް ފާހަގަކުރައްވާ ރައީސް ޔާމިން ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.