އިލެކްޝަން ކޮމިޝަން / ސޯޝަލް މީޑިއާ
ހަބަރު
މަޖިލިސް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް ގެނައި ބަދަލުތައް އާންމުކޮށްފި
Fathmath Reem
ފާތުމަތު ރީމް
30 ޖެނުއަރީ 2024
މާލެ ސިޓީ

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ލިސްޓަށް ގެނައި ބަދަލުތައް އިލެކްޝަން ކޮމިޝަން ( އީސީ ) އިން އާންމު ކޮށްފި އެވެ.

އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު ގެ އިތުރުން ކޮމިޝަނުގެ ވެބްސައިޓާ މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާގަ އާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެކަމަށެވެ.

ހަބީބު ވިދާޅުވީ މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މި ހިނގާ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ހުޅުވާލެވިފައި ވާނެ ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ހުޅުވާލައިފާ ހުންނާނެ ކަމަށާއި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ހުޅުވާލެވިފައި ވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އަދި ކޮމިޝަނުގެ އީމެއިލް އެޑްރެސް އަށް ފޮނުވައިގެންކަމަށެވެ.

މާލޭގައިނަމަ އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންވެސް ޝަކުވާ ބަލައިގަންނާނެކަމަށް ވެސް ހަބީބް ވަނީ ވިދާޅު ވެފައެވެ. އަދި ހަމައެހެންމެ ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved