

ޚަރަދުކުޑަކޮށް ސިޔާސީ މަގާމުތައް މަދުކުރުމުން ދަރަނި ދެއްކޭނެ ކަމަށް ކުރީގެ ދާހިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ، ދައުލަތުން ކުރަމުންދާ ބޭކާރު ޚަރަދުތައް ވަރަށް ބޮޑުކަމަށެވެ. އެގޮތުން ސިޔާސީ މަގާމުތައް އިންތިހާއަށް ގިނަ ކަމަށާއި އެ ފަރާތްތަކުގެ މުސާރައަށް ދައުލަތުން ބޮޑު ހޭދައެއް ކުރަމުންދާކަމަށް ވިދާޅުވެ އުމަރު ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.
ދައުލަތުން ކުރާ ޚަރަދުތައް ކުޑަކޮށް ސިޔާސީ މަގާމުތައް މަދުކޮށްފިނަމަ އަހަރަކު 50 މިލިއަން ޑޮލަރު ހަމައެކަނި މުސާރައިން ސަލާމަތްކުރެވޭނެ ކަމަށާއި ޚަރަދުތައް ކުޑަކޮށްގެން ސަލާމާތް ކުރެވޭ ފައިސާ އިން ދަރަނިތައް އަދާކުރެވޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އޭރުން ދަރަނި ނުދެއްކިގެން އެއްވެސް ގައުމެއްގެ ފައިބުޑަށް ސަރުކާރުން ވެއްޓެން ނުޖެހޭނެ ކަމަށް އުމަރު އެ އިޝާރާތް ކުރެއްވީ ދަރަނި ނުދެއްކިގެން މި ސަރުކާރުން އިންޑިޔާގެ ފައިބުޑަށް ވެއްޓި ސަލާން ޖަހަމުން ގެންދާތީއެވެ.